ކުޅިވަރު

6 ދުވަހުގެތެރޭގައި 3 މެޗު ކުޅުނުއިރު ވަލްވާޑޭ ހިތްހަމަޖެހިފައި


ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުނު ނަމަވެސް ކުޅުންތެރިންގެ ފަރާތުން ފެންނަ ޖޯޝާއި ފޯރިއަށް ޝުކުރު ހައްގުކަމަށް ބާސެލޯނާގެ ކޯޗު އާނެސްތޯ ވަލްވާޑޭ ބުނެފިއެވެ. 

ލީގުގައި ރޭ އަމިއްލަ ދަނޑުގައި މަލާގާ އަތުން މޮޅުވި މެޗަށްފަހު ކޯޗު ވަލްވާޑޭ ބުނީ ހަ ދުވަހުގެ ތެރޭގައި ތިން މެޗު ކުޅެން ޖެހުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، ތިން މެޗުގެ ނަތީޖާވެސް ގޯސް ނޫންކަމަށެވެ. އޭނާ ބުނީ އެންމެ ގޯލެއްގެ ތަފާތުން މޮޅުވިޔަސް އެކަމާއި މިވަގުތު ކަންބޮޑު ނުވާކަމަށާއި، ކުޅުންތެރިން ވަރުބަލިވާނެވަރު އޭނާއަށް އިނގޭކަމަށެވެ. 

ކޯޗު ވަލްވާޑޭގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލުއިސް ސުއަރޭޒަށް ގޯލު ނުޖެހުމެވެ. މިދިޔަ ދެ ސީޒަންގައިވެސް ބާސެލޯނާގެ އެޓޭކިންގ ލައިނުގައި މޮޅު ކުޅުމެއް ދެއްކި ސުއަރޭޒަށް މި ސީޒަންގައި އަދި މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. ލީގުގައި މިހާތަނަށް ސުއަރޭޒް ކުޅުނު ހަ މެޗުގައިވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބުނުއިރު ޖެހިފައިވަނީ ތިން ގޯލެވެ. 

ރޭގެ މެޗުގެ ފަހު ހާފުގައި ލުއިސް ސުއަރޭޒް ބަދަލްކުރުމުން އޭނާވަނީ ރުޅިއައިސްގެން ކޯޗު ވަލްވާޑޭއާއި ސަލާމްވެސް ނުކޮށް ފައިބައިފައެވެ. ކޯޗު ބުނީ ސުއަރޭޒާއި އެއްވެސް މައްސަލައެއް ނެތްކަމަށާއި، ކޮންމެ ކުޅުންތެރިއަކުވެސް އަބަދު ކުޅެން ބޭނުންވާނެކަމަށެވެ.