ކުޅިވަރު

ކޯޗު އަދަބުދޭތީ ޗެލްސީ ކުޅުންތެރިން ކޯޗާމެދު ހިތްހަމަނުޖެހެނީތަ؟


މެޗު ކާމިޔާބު ނުކުރެވުމުން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިހުގައި އަދަބުދިނުމުގެ އުސޫލުގެންގުޅޭތީވެ ޗެލްސީ ކުޅުންތެރިން ކޯޗާމެދު ހިތްހަމަނުޖެހިފައިވާ ކަމަށް އިނގިރޭސި މީޑިޔާތަކުން ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ހޯދި ޕްރެމިއާ ލީގު ދިފާއު ކުރުމުގައި ދަތިތަކެއް ކުރިމަތިވެފަައިވާއިރު ޗެމްޕިއަންސް ލީގުގެ ނަތީޖާތައް ރަނގަޅު ނުވުމުން ކުޅުންތެރިންނާމެދު ކޯޗު އެންޓޯނިއޯ ކޮންޓޭ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކަމަށް ވެސް މީޑިޔާތަކުންވަނީ ސިފަކޮށްފައެވެ.

ނަމަވެސް ރޭ ޕްރެމިއާ ލީގުގައި ވަޓްފޯޑް އަތުން 4-2އިން މޮޅުވި މެޗަށް ފަހު ކޯޗު ކޮންޓޭ ބުނީ އޭނާ ކުރާ ކަމަކުން ވަޒީފާއިން ވަކިކޮށްފާނެތީވެ ބިރު ނުގަންނަ ކަމަށެވެ.

މެޗު ނިމިނިމި އޮއްވައި ސެޒާ އަޒްޕިލިކުއެޓާ އާއި މިޝީ ބަޓްޝުއާއީގެ ޖެހި ގޯލުތަކުން ޓީމު މޮޅުވި އިރު އޭނާގެ ކުޅުންތެރިން ކަންތައްތަކެއް ސާބިތުކޮށްދީފައިވާ ކަމަށް ވެސް ކޮންޓޭ ވަނީ ބުނެފައެވެ. އޭނާ ބުނީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލު ކުރެވިދާނެ ކަމަށާއި އެފަދަ ގާބިލްކަމާއި ކެރުން ކުޅުންތެރިންގެ ކިބާގައި ހުރިކަން ސާބިތުކޮށްދީފި ކަމަށެވެ.

ރޭގެ މެޗުން މޮޅުވުމުން ޗެލްސީ އޮތީ 9 މެޗުން 16 ޕޮއިންޓާއެކު ޓޭބަލުގެ ހަތަރު ވަނާގައެވެ.