ކުޅިވަރު

ސުޒޭން އާއި މޯހަންގެ ފާޑުކިޔުން އެފްއޭއެމްގެ އިންތިޒާމްތަކަށް!


ޕްރެމިއާރ ލީގުގައި ވާދަކުރާ ކުޑަހުވަދޫ އާއި ތިނަދޫގެ ކޯޗުން އެފްއޭއެމުގެ އިންތިޒާމްތަކަށް ފާޑުކިޔައިފިއެވެ.

ކުޅުން ލަސްކުރަން މަސައްކަތް ކުރާ ޓީމުތަކުން ތަކުރާރުކޮށް އެކަން ކުރާއިރު ރެފްރީން އެކަމަށް އަޅާނުލާ ކަމަށް ބުނެ ތިނަދޫގެ ކޯޗު އަލީ ސުޒޭން ފާޑުކިޔާފައިވަނީ ހުކުރު ދުވަހު ހަވީރެވެ.

ތިނަދުއާއި ކުޑަހުވަދޫ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ސުޒޭން ބުނީ މެޗު ލަސްކުރާއިރު ރެފްރީން އެކަމަށް އަޅާލުން ބަހައްޓަންޖެހޭ ކަމަށާއި އެކަމަކު އަޅާނުލައި ދޫކޮށްލުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. މީގެ އިތުރުން ޗޭންޖިން ރޫމުގައި ތިބޭއިރު ސިޑިބަރި ހެދުމަށް މަސައްކަތުމީހުން ތަޅާއަޑާހެދި ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ގޯސްވާ ކަމަށެވެ.

"މީގަ އެފްއޭއެމުންވެސް ކަންތައްތަކެއް ރަނގަޅުކުރަން އެބަ ވިސްނަން ޖެހޭ، މެޗު ކުޅެމުންދާއިރުވެސް ހާފް ޓައިމްގައިވެސް ކުޅުންތެރިންނަށް ހުރިހާ ފޯކަސް މެޗަށް ބެހެއްޓޭނެ މާހައުލެއް ގާއިމްކޮށްދޭން ޖެހޭ" ސުޒޭން ބުންޏެވެ. 

މޯހަން ބުނީ ލީޑު ޝެޑިއުލް އެފްއޭއެމުން އިއްޔެ ބަދަލުކޮށްފައިވާ ކަމަށާއި މީގެ ސަބަބުން އޭނާގެ ޓީމަށް ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށެވެ. ސަބަބަކީ ގިނަ ކުޅުންތެރިންނަކީ ވަޒީފާގައި އުޅޭ ކުޅުންތެރިންނަށް ވެފައި ހަފުތާ ބަންދުނޫން ދުވަސްތަކުގައި ކުޅެން މާލެ އައުމަކީ ދަތިކަމަކަށްވާނެތީ ކަމަށެވެ.

"ލީގު ޝެލިއުލް ދެދުވަހުން އެއްދުވަހު ބަދަލްކުރުމަކީ އަހަރުމެންނަށް ލިބޭނެ ބޮޑު ގެއްލުމެއް. ޓިމްގައި އުޅެނީ ވަޒީފާތަކުގައި އުޅޭ ކުދިން، ވަރަށް އުނދަގޫވާނެ މިހާރު އޮތް ބަދަލަށް މެޗުތަކަށް ކުޅުންތެރިން އަންނަން" މޯހަން ބުންޏެވެ.