ކުޅިވަރު

އެފްއޭއެމުން ގެނައީ ޓުއަރިސްޓު ރެފްރީތަކެއް - މާޒިޔާ ކޯޗު


ދިވެހި ޕްރެމިއާރ ލީގުގައި ރެފްރީކަން ކުރަން އެފްއޭއެމުން ގެނެސްފައިތިބީ ފެންވަރެއް ނެތް ބައެއް ކަމަށާއި އެއީ ޓުއަރިސްޓުންތަކެއް ކަމަށް މާޒިޔާ ކޯޗު ސިފަކޮށްފިއެވެ.

އުރީދޫ ދިވެހި ޕްރެމިއާރ ލީގުގައި ރޭ ކޯޗު މިހެން ބުނީ މެޗު ހިނގަމުންދަނިކޮށް ބަދަލު ރެފްރީ އަށް މުހާތަބްކޮށެވެ. މެޗަށް ފަހު ޕީއެސްއެމުން އެކަމާ ސުވާލު ކުރުމުން ކޯޗު ބުނީ ރެފްރީންނަކީ ފެންވަރު ނެތް ބައެއް ކަމަށެވެ.

ކޯޗު ބުނީ ހަފުތާ ބަންދުގައި ހަވީރާ ރޭގަނޑު ކުޅުނު ހަތަރު މެޗުގައި އެފްއޭއެމުން ދަނޑަށް ނެރެފައިވަނީ އިންޑިޔާއިން ގެނެސްފައިތިބި ތިން ރެފްރީން ކަމަށެވެ. އަދި އެއް ރެފްރީންތަކެއް ލައްވައި ދެ ދުވަހެއްގެ މަތީން ހަތަރު މެޗުގައި ރެފްރީކަން ކުރުވި އެހެން ގައުމެއް ދުނިޔޭގައި އެބައޮތްތޯ ކޯޗު ވަނީ ސުވާލުކޮށްފައެވެ.

"މިއީ ޓުއަރިސްޓް ރެފްރީން، އަހަންނަށް ދައްކަބަލަ ދެ ދުވަސްތެރޭ ހަތަރު މެޗަށް އަރާ ރެފްރީންތަކެއް އެހެން ޤައުމެއް. މިއީ ހަމަ ބޮޑު ޖޯކެއް، ޓީސީ އަތުން އަހަރުން ބަލިވީ ރެފްރީއާއި ހެދިއެއް ނޫން. ކަންބޮޑުވުމެއްވީމަ އެކަން ފާހަގަކުރީ މި" ކޯޗު ބުންޏެވެ.

ތަޖުރިބާކާރު ކޯޗު ބުނީ ދިވެހި ރެފްރީންގެ ނިންމުންތައް ގޯސްވެ، ބޮއްސުންލުމުން އިންޑިޔާއިން ރެފްރީން ގެނައުމުން ނިންމުންތައް ރަނގަޅުވާނެ ކަމަށް ހުރިހާ ކުލަބަކުން ވެސް އުއްމީދު ކުރިކަމަށެވެ. ނަމަވެސް އިންޑިޔާގެ ރެފްރީން ދަނޑަށް ނުކުތުމުން އެމީހުންގެ ފެންވަރު ނެތްކަން އެނގިއްޖެކަމަށެވެ. އަދި ހަގީގަތް އެނގިތިބެ އެފްއޭއެމުން ފެންވަރުނެތް ރެފްރީންތަކެއް ދަނޑަށް ނެރުމަކީ ވަރަށް ބޮޑު ލަދުވެތިކަމެއް ކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ.

މާޒިޔާގެ ކޯޗުގެ އިތުރުން ލީގުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ކޯޗުން ވެސް ވަނީ ތަކުރާރުކޮށް ރެފްރީންގެ މައްސަލަަ ފާހަގަކޮށްފައެވެ.