 
										
			
 
ރައްޔިތުން މަޖިލީހުގައި ނަގާ ސިއްރު ވޯޓުތަކުގައި ތަފާތު ފާހަގަތައްޖަހަމުން ދާތީ، އެފުރުސަތު ނުދިނުމަށްޓަކައި މަޖިލީހުގެ ޤަވާއިދަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ
 
 
 
ރައްޔިތުން މަޖިލީހުގެ އާންމު ކޮމިޓީގެ މުޤައްރިރު ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޝިފާޒް ވިދާޅުވީ ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލައި، ވޯޓްގެ ސިއްރުކަން ގެއްލުނަ ނުދިނުމަށްޓަކާ މަޖިލީހުގެ ޤަވާއިދަށް ބަދަލުތަކެއް ގެނައުމަށް ފާސްކޮށްފައިވާކަމަށެވެ. އެގޮތުން ވޯޓު ކަރުދާހުގައި ހެޔޮފާހަގަ އަދި ނުބައިފާހަގަ ފިޔަވައި އިތުރު ނިޝާނެއް ޖަހައިފިނަމަ އެ ވޯޓު ބާތިލްވާގޮތަށް ޤަވާއިދަށް ބަދަލުގެނައުމަށް ކޮމެޓީން ފާސްކޮށްފައިވާކަމަށެވެ
 
 
 
މީގެ އިތުރުން  ވޯޓުލާން ޖެހޭނީ މަޖިލީހުގެ ސެކްރެޓޭރިއޭޓުން ދޫކުރާ ޚާއްސަ ގަލަމަކުން ކަމަށް ގަވާއިދުގައި ހިމަނާފައިވާނެކަމަށާއި، ކުރިއާއި ޚިލާފަށް ދެ މަގާމަށް އެއް މެންބަރަކަށް ކުރިމަތި ނުލެވޭނެގޮތަށް ޤަވާއިދަށް ބަދަލު ގެނެސްފައިވާކަމަށްވެސް އޭނާ ވިޑާޅުވިއެވެ
 
 
 
ޝިފާޒް ވިދާޅުވީ މަޖިލީހުގެ ޤަވާއިދަށް މިބަދަލުތައް ގެނައުމަށް ކޮމިޓީން ނިންމީ، ގާނޫނު އަސާސީގައި ބުނާ ސިއްރު ވޯޓްތަކުގެ ސިއްރުކަން ގެއްލޭގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ގެންދާތީކަމަށެވެ
 
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކާ އެކު ކޮމެޓީގެ ރިޕޯޓު މަޖިލީހުގެ ރައީސަށް މިހާރު ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ