ޚަބަރު

ރާއްޖޭގެ ސަފީރުގެ ފަތްކޮޅު ސިރިސޭނާއަށް އަރުވައިފި


ސްރީލަންކާއަށް ރާއްޖެއިން ކަނޑައެޅި ސަފީރުގެ ގޮތުގައި މުޙައްމަދު ޙުސައިން ޝަރީފް އެޤައުމުން ބަލައި ނުގަންނާނެކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ފަތުރަމުންދަނިކޮށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެޤައުމުގެ ރައީސަށް އަރުއްވައިފިއެވެ.

ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައެޅި އައު ސަފީރު މުޙައްމަދު ޙުސައިން ޝަރީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނައަށް އަރުއްވާފައިވަނީ މިއަދު ހެނދުނު ސްރީލަންކާގެ ރައީސްގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތަށް ދިވެހިރާއްޖޭގެ ސަފީރު ވަޑަގަތުގެ ކަންކަން އިންތިޒާމްކުރެވިފައިވަނީ ރަސްމީ ޢިއްޒަތުގައެވެ.

ފަތްކޮޅު އެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސާއި ރާއްޖޭގެ ސަފީރު ވަނީ އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ރަސްމިއްޔާތައްފަހު ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުގެ މުނާސަބަތުގައި ސްރީލަންކާގެ ރައީސް ވަނީ ސަފީރު މުޙައްމަދު ޙުސައިން ޝަރީފަށް ތަހުނިޔާ ދަންނަވާފައެވެ. ސްރީލަންކާގެ ރައީސްގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސްރީލަންކާއަކީ އެތައް ހާސް ދިވެހިން އަމިއްލަ ވަޒަން ކަމުގައި ދެކޭ، ދިވެހިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަން ފާހަގަކޮށް ފައިވެއެވެ. މީގެ އިތުރުން ސްރީލަންކާއާއި ދިވެހިރާއްޖޭގެ ގުޅުން، ޚާއްޞަކޮށް އިންވެސްޓްމެންޓްގެ ދާއިރާއިން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް ސަފީރުގެ ކިބައިން ސްރީލަންކާގެ ރައީސް އެދިވަޑައިގެންނެވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވާ، އެމަނިކުފާނުގެ ސަފީރުކަމުގައި އެގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެރުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަރާތްޕުޅުން ހެޔޮއެދުމާއި ތަޙަނިޔާ އެމަނިކުފާނު ދެންނެވިއެވެ. ސަފީރުގެ ވާހަކަފުޅުގައި ސްރީލަންކާއަކީ ވަރަށް ގިނަ ގޮތްގޮތުން އެމަނިކުފާނާއި ދިވެހި ދައުލަތުގެ ވަރަށް ގިނަ ބޭފުޅުންނާ ގުޅުންހުރި ޤައުމެއްކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އިޤްތިޞާދީގޮތުން މިހާރުވެސް ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ މިގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާގައި ހުންނަވާ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް މުޙައްމަދު ޙުސައިން ޝަރީފްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށްބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި އެމަނިކުފާނު ސަފީރެއްގެ ގޮތުގައި ބަލައިގަންނަން ބޭނުންނުވާކަމަށާއި ސްރީލަންކާއިންވެސް އެމަނިކުފާނަށް މަރުޙަބާ ނުކިޔާނެކަމަށް ދޭހަވާގޮތަށް ވާހަކަތައް ފަރުތާފައިވެއެވެ. އެހެންނަމަވެސް ދިވެހިސަރުކާރާއި ސްރީލަންކާ ސަރުކާރުގެ މެދުގައި ރަނގަޅު ގުޅުމަކާއި އިތުބާރެއް އަތުމާއެކު އެ ޤައުމުގެ ރައީސް ރަސްމީގޮތުން މިއަދު މިވަނީ މުޙައްމަދު ޙުސައިން ޝަރީފުގެ ފަތްކޮޅާ ޙަވާލުވެވަޑައިގެން، ރަސްމީ އިޙްތިރާމް އަރުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރުގެ މަޤާމަށް މުޙައްމަދު ޙުސައިން ޝަރީފް ޢައްޔަނުކުރެއްވީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އޭގެކުރިން އެމަނިކުފާނު ހުންނެވީ ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. މީގެ އިތުރުން އެމަނިކުފާނަކީ ޚާރިޖީ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.