ޚަބަރު

ބިދޭސީން 17.5 މިލިއަން ޑޮލަރު ބޭރަށް ފޮނުވާފައިވޭ- މީރާ


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މިއަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުމަހުގެ ނިޔަލަށް 269 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއަށްވާ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

މިއީ ބޭރުފައިސާއިން ބަލާނަމަ، 17.5 މިލިއަން ޑޮލަރެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު ބެލުމުގައި ހިސާބުކޮށްފައިވަނީ، އެމުއްދަތުގެ ތެރޭގައި ބިދޭސީން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިގެން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލައިގެނެވެ. 

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރެމިޓަންސް ޓެކްސްގެ ގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 80.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މިއަހަރުގެ މިހާތަނަށް ބޭރަށް ފައިސާފޮނުވި ޖުމްލަ ޚަރަދު އުޅެނީ 350 މިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.

އެންމެފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ފަސްދޮޅަސްހާސް ތިރީސް ބިދޭސީ މަސައްކަތު މީހުން ދިވެހިރާއްޖޭގައި އުޅޭއިރު ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތު މީހުންނާއިއެކު މިއަދަދު ސަތޭކަ ވިހިހާހަށް ވުރެ އިތުރުވާނޭކަމަށް ކަމާއިބެހޭ ފަރާތްތަކުން އަންދާޒާކުރެއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށް، ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ތިނެއް އިންސައްތައިގެ ޓެކުހެއް ނަގަން ފެށުމާއިއެކު ބިދޭސީން ރާއްޖެއިން ބޭރުކުރާ ފައިސާގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ. މިއީ ޤަވައިދާ ހިލާފަށް މަސައްކަތްކޮށްގެން ރާއްޖެއިން ފައިސާ ބޭރުކުރުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް އިޤްތިޞާދީ ތަޖުރިބާކާރުން ވިދާޅުވެއެވެ.