ޚަބަރު

މަހާ ޖައްރާފަށް ބޭރުގެ ޤައުމުތަކުން ޝައުޤުވެރިވޭ- އެމްޓީސީސީ


އެމް.ޓީ.ސީ.ސީގެ ބިން ހިއްކާ ޑްރެޖަރ "މަހާ ޖައްރާފު" ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ބައެއް ފަރާތްތަކުން މިހާރުވެސް ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ. 

36 މިލިއަން ޑޮލަރު ޙަރަދުކޮށްގެން ބަނދެފައިވާ މި ޑްރެޖަރަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލިނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި މި އުޅަނދަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭނެ ކަމަށް އެމް.ޓީ.ސީ.ސީއިން ބުނެއެވެ.

"މަހާ ޖައްރާފު" މިމަހުގެ 30 ވަނަ ދުވަހު ރާއްޖެ ގެނެއުމަށް ހަމަޖެހިފައިވާއިރު، މިކަމާގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޓީސީސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު ހިލްމީ ވިދާޅުވީ، ރާއްޖެއެކޭ އެއްފަދައިން ރާއްޖޭން ބޭރުގައިވެސް ތަފާތު މަޝްރޫޢުތައް ކުރިއަށްގެންދިއުމަކީ އެކުންފުނީގެ އަމާޒެއްކަމަށާއި، އެ އުސޫލުން ކުންފުނީގެ ބިޒްނަސް ޕްލޭންވެސް ބައްޓަންކުރަމުންދާކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ މަޝްރޫޢުތައް ރާއްޖެއިން ބޭރުގައި ކުރިއަށް ގެންދިއުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާކޮށް، އެފަރާތްތަކުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ހިއްސާކުރަމުންދާކަމަށް ހިލްމީ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14919096082497.jpg|އެމްޓީސީސީގެ ބިން ހިއްކާ ޑްރެޖަރ، މަހާ ޖައްރާފުގެ މޮޑެލްއެއް / ފޮޓޯ: އެމްޓީސީސީ

" ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ކުންފުނިތަކުން މަހާ ޖައްރާފު ބޭނުންކޮށްގެން ބިން ހިއްކުމަށް މިވަނީ ޝަޢުގުވެރިކަން ފާޅުކޮށްފައި. އަޅުގަނޑުމެން ވިޔަފާރިކުރާއިރުވެސް ވަކި ޓެރިޓޯރިއަލް ބޯޑެއް ނުގެންގުޅެން. އެހެންކަމުން ރާއްޖެއިން ބޭރުން އިންކުޔަރކޮށްފައިވާ ފަރާތްތަކާއެކު ވާހަކަދައްކަމުން މިދަނީ. ނެގޯސިއޭޝަން ސްޓޭޖުގައި ހިނގާކަމެއްވީމަ، އެފަރާތްތަކުގެ މަޢުލޫމާތު އަދި ހާމަކުރެވެންނެތް" ހިލްމީ ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީގެ ބިން ހިއްކާ ޑްރެޖަރ "މަހާ ޖައްރާފު" ބޭނުންކޮށްގެން އެންމެ ފުރަތަމަ ހިއްކުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީ އެއަރޕޯޓް އަޅާ ސަރަޙައްދުކަމުން، އެކަމަށްވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ. 53.4 މިލިއަން ރުފިޔާ ހަރުދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 6.21 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.