ކުޅިވަރު

ގްރީން ބަލިކޮށް ނިއު އެއްވަނަ ދަމަހައްޓައިފި


ގްރީންސްޓްރީޓްސް ބަލިކޮށް ތާވަލްގެ އެއްވަނަ މަގާމް ނިއުއިން ދަމަހައްޓައިފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަބުރުގައި ރޭ ގްރީންސްޓްރީޓްސް މައްޗަށް ނިއުއިން ރޭ ކުރިހޯދީ 3-0ންނެވެ.

މެޗު ފަށައިގެން ގްރީންސްޓްރީޓްސްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ހަވަނަ މިނިޓްގައި ބޯޅަނެތީސް ގްރީންސްޓްރީޓްސްގެ އަލީ ޝާމިސް ނިއުގެ ކަންޑޭލާއަށް ކުރިފައުލަކާ ގުޅިގެން ރެފްރީ ޖާވިޒް ޝާމިސް އަށް ރަތްކާޑު ދެއްކުމެވެ. 

މެޗުގެ ފުރަތަމަ ލަނޑު ނިއުއިން ކާމިޔާބުކުރީ ފުރަތަމަ ހާފްގައި ގަލާޑޯ ދިން ބޯޅައަކުން ހަމްޒާ މުޙައްމަދެވެ. ނިއުރޭޑިއަންޓް ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗްގެ ދެވަނަ ހާފްގައި އަލީ ފާސިރެވެ. މީއީ ފާސިރު މިސީޒަންގައި ޖެހި ސާދަ ވަނަ ލަނޑެވެ. ނިއުގެ ތިންވަނަ ލަނޑުކާމިޔާބު ކުރީ މެޗުގެ ނުވަދިހަ މިނިޓްގެ ކުޅުން ހަމަވާން ފަސް މިނިޓަށް ވެފައިވަނި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މުހަންމަދު ރަޝީދު (ހޮކޭ)އެވެ. 

މެޗަށްފަހު ނުއިގެ ކޯޗް އޮސްކާ ބުރުޒޮން ބުނީ އުއްމީދަކީ ކުރިޔަށް އޮތް ފަސް މެޗުވެސް ކާމިޔާބުކުރުން ކަމަށާއި ޓީމްދަނީ އޭނާ ހަވާލުވިފަހުން ވަރަށް ރަގަޅު ކުރިއެރުންތަކެއް ހޯދަމުންކަމަށެވެ.

" ވަރަށްރަގަޅަށް މިރޭވެސް ޓީމުކުޅެފި. އަދި ލީގުގައި ބާކީ ފަސްމެޗު އެބައޮތް. އެހެންވީމަ އުންމީދަކީ ފަސްމެޗުން ވެސް މޮޅުވުން. ކުޅުންތެރިން ތިބީ ޓީމްގެ ހާލަތާމެދު ހިތްހަމަޖެހިފަ." ބުރުޒޯން ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާ ބުނީ އެއްވެސް އިރެއްގެ ގްރީންސްޓްރީޓްސްގެ އަމާޒަކަށް ދިވެހި ޕްރިމިއަރ ލީގް ކާމިޔާބުކުރުމުގެ ވިސްނުން ނުގެންގުޅޭކަމަށެވެ. 

ސޮބާ ބުނީ ގަދަ ހަތަރެއްގެ އުޅޭޓީމްތަކާ ދެކޮޅަށް ކުޅޭއިރު މާބޮޑު ނަތީޖާއެއް ލިބޭނެކަމަކަށް ނުވިސްނާކަމަށެވެ. ގްރީންސްޓްރީޓްސް ނަތީޖާއަށް ވިސްނާނީ ވާދަކޮށްލެވޭ ޓީމްތަކާއި ދެކޮޅަށްކުޅޭއިރު ކަމަށެވެ، ސޮބާ ބުނީ އުއްމީދަކީ ގަދަހަތަރަކުން ޖާގަ ހޯދުންކަމަށެވެ.

" އަދި ފުރުސަތު ހަނިވީކަމަކަށް ނުބަލަން. އުއްމީދަކީ ގަދަހަތަރެއް. މެޗަކަށްފަހު މެޗެއް ވިސްނުންހުރީ. އެއްވެސް އިރެއްގެ ނުބުނަން ގްރީންސްޓްރީޓް ލީގުކާމިޔާބުކުރާނެއެކޭ" ސޮބާ ބުންޏެވެ.

ގްރީން ސްޓްރީޓްސް ލީގުގައި ދެން ނުކުންނާނީ މިލަންދޫއާއި ދޮކަޅަށެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ލީގުގައި ދެން ނިކުންނާނީ އއ.މާޅޮހާއި ދެކޮޅަށެވެ.