ކުޅިވަރު

މިލަންދޫ ކޮޅަށް 5 ލަނޑު ޖަހައި މާޅޮސް ފަސް ބެލުމެއް ނެތި ކުރިއަށް


މުނޯޒްގެ ހެޓްރިކާއެކު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗުވެސް މާޅޮސް ކާމިޔާބުކޮށްފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޅޮސް މޮޅުވީ މިލަންދޫއާ ވާދަކޮށް 5-1ންނެވެ. މިއީ ޖެހިޖެހިގެން މާޅޮސް ލީގުގައި މޮޅުވި ދެވަނަ މެޗެވެ. 

މެޗުގެ 2ވަނަ މިނިޓް ތެރޭގައި މާޅޮހުން ފުރަތަމަ ލަނޑުޖަހާ ލީޑް ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ކުޅޭ ސްޕެއިންގެ އެންޖަލް ކަރަސްކޯސާ މުނޯޒެވެ. މާޅޮހުން ފުރަތަމަ ލަނޑު ޖެހިތާ 5 މިނިޓް ފަހުން އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލީޑްއިތުރަށް ފުޅާކުރިއެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުޖެހި މުނޯޒެވެ. 

މާޅޮހުން މެޗުގައި ޖެހި ތިންވަނަ ލަނޑުޖެހީ 20 ވަނަ މިނިޓްގައި އެޓީމްގެ އަހުމަދު އާރިފެވެ. މެޗުގައި މިލަންދޫއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ސައީދެވެ. މިލަންދޫއިން ލަނޑެއްޖެހިތާ ދެ މިނިޓް ފަހުން މާޅޮހަށް ލިބުނު ހިލޭޖެހުން ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެން މުނޯޒް ހެޓްރިކް ހެދިއެވެ. މިލަންދޫގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަ މެޗުގައި މާޅޮހުން ޖެހި 5ވަނަ ލަނޑު ޖެހީ ދެވަނަ ހާފްގެ ހަތްވަނަ މިނިޓްގައި އެޓީމްގެ އަލީ ވަސީމެވެ. 

މި ލަނޑަށް ފަހުގައިވެސް މާޅޮސްޓީމަށް ލީޑު ފުޅާކުރާ އިތުރު ފުރުސަތުތައް ލިބިގެންދިޔައެވެ. އެގޮތުން މުނޯޒް އަދި ވަސީމްއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮއްލެވެއެވެ. 

މެޗަށް ފަހު މާޅޮހުގެ ކޯޗު އަލީ ނިޝްތާރު ބުނީ މި ކާމިޔާބަކީ ކުޅުންތެރިންގެ ރޫހު ރަނގަޅުވުމުގެ ސަބަބުން ލިބުނު ކާމިޔާބެއްކަމަށް. މެޗުގައި ލިބުނު ފުރުސަތުތައް ގޯލްތަކަކަށް ބަދަލްކޮށްލެވުމަކީ ކުރިއަށްހުރި މެޗުތަކަށް ލބުނު ހިތްވަރެއްކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

"ގްރީން މެޗަށްފަހު ޓީމުގެ ރޫޚު ވަރަށް ރަނގަޅު، ވަރަށް ރަނގަޅަށް މިދިޔައީ، ލިބުނު ޗާންސްތައްވެސް ނިންމާލެވިއްޖެ. ބޮޑު ހިތްހަމަޖެހުމެއް މިއީ" ނިޝްތާރު ބުންޏެވެ.

މެޗަށްފަހު މިލަންދޫ ކޯޗު މުޙައްމަދު ނާސިރު ބުނީ ދައްކަން އޮތީ އެއްވާހަކައެއް ކަމަށާއި ޕްރެކްޓިސްގައި ބައިވެރިވާ ކުޅުންތެރިންގެ އަދަދު މަދުވުމުގެ ސަބަބުން ބޭނުންވާ ގޭމް ޕްލޭނަށް ޓީމް ބައްޓަން ކުރަން އުނދަގޫވާކަމަށެވެ. އޭނާ ބުނީ ޕްރެކްޓިސްގައި ނުކުރާކަމެއް ދަނޑުމަތީގައި ކުރަން ޖެހުމުން މިސްޓޭކްތައްވެސް ގިނަވާނެކަމަށާއި، މިމެޗުން ބަލިވުމަކީ ޓީމަށް ލިބުނު ފޫނުއްބޭދޭވަރު ބޮޑު ގެއްލުމެއްކަމަށެވެ.

" ދެވަނަ ބުރުގެ ދެ މެޗުން މިހާރު ބައިކޮޅަށް ބާރަލަނޑު ވަދެއްޖެ. މިއީ ހަމަ ފޫނުބެއްދޭ ވަރުގެ ބޮޑުގެއްލުމެއް. މައްސަލައަކީ ޓީމްގައި ކުޅުންތެރިން ނެތުން" ނާސީރު ފާހަގަކުރިއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޅޮސް ދެން ނިކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ. މިލަންދޫއަށް ކުރިއަށް އޮތީ ގްރީން ސްޓްރީޓްސްއާއި ވާދަކުރާ މެޗެވެ.

***********