ޚަބަރު

ހައްޤުތައް ދެމެހެއްޓުމަކީ ޒުވާނުންގެ ޒިންމާއެއް- ރައީސް ވަޙީދު


ރާއްޖޭގެ ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްޤުތަކަކީ ކާބަފައިންނާއި، އެތައް ބައެއްގެ މިންނެތް މަސައްކަތް ކަމަށާއި، މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ އެ ޙައްޤުތައް ދެމެހެއްޓުން ކަމަށް ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ. 

އެވިޑް ކޮލެޖްގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން. ޑރ ވަޙީދު ވިދާޅުވީ އެމަނިކުފާނު ތަޢުލީމް ހާސިލްކުރެއްވި ދުވަސްވަރާއި، މިއަދާ ވަރަށް ތަފާތު ކަމަށެވެ. ތަޢުލީމް އުނގެނުމަށް ރާއްޖޭގައި ފަހި ފުރުޞަތުތަކެއް ފަހިވެފައިވާކަމަށް ވިދާޅުވެ، ޑރ ވަޙީދު ވަނީ ރާއްޖޭގެ ތައުލީމާއި، ސިއްޙަތާއި، ދަތުރުފަތުރު، އަދި ބޯހިޔާވަހިކަމުގެ ދާއިރާއިން މިއަދު ފެންނަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. 

img:http://s2.psmnews.mv/images/660x400/15085012127284.jpg|އެވިޑް ކޮލެޖްގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިއަދު ރާއްޖެ ދެކެމުންދާ ތަރައްޤީއަކީ ހައްޤުތަކެއް ކަށަވަރުކުރުމަށް ކާބައިފައިން ކޮށްފައިވާ މަސައްކަތުގެ ނަތީޖާ ކަމަށާއި، އެހެންކަމުން މިއަދުގެ ޒުވާނުންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު އެއް ޒިންމާއަކީ ޤާނޫނު އަސާސީގައި ލިބިފައިހުރި ޙައްޤުތައް ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށް ޑރ ވަޙީދު ވިދާޅުވިއެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ކަންކަމުގައި އަމިއްލަ ވިސްނުން އިސްކޮށް، މީހަކު ދައްކާހާ ވާހަކައެއް އަޑުއެހުމުގެ ބަދަލުގައި، އަމިއްލަ ސިކުނޑިން ވިސްނުން ކަމަށްވެސް ވިދާޅުވިއެވެ.

"ތައުލީމެއް ހާސިލް ކުރުމުގެ ބޭނުމަކީ އަމިއްލަ ވިސްނުން އިސްކުރުން. މީހަކު ދައްކާ ވާހަކައެއް އަޑު ނޭހުން. ބައެއް މީހުން އެމީހަކަށް ފެންނަ ގޮތަކީ އެންމެ މޮޅު ގޮތްކަމަށް ދައްކާ. މި ޒަމާނުގައި އެކަން ކުރަނީ ސޯޝަލް މީޑިޔާގެ ތެރޭގައި. އަޅުގަނޑުމެން މިތިބީ ސޯޝަލް މީޑިޔާގައި ފެތި ގެނބިފަ. ސޯޝަލް މީޑިޔާގައި ހަޤީގަތާއި ހިލާފު ވާހަކަތައް ފެތުރޭ މިންވަރުވެސް އިތުރު. އެހެންކަމުން އަމިއްލަ ސިކުނޑި އިސްކޮށް، ހަޤީޤަތަކީ ކޮބައިކަން ދެނެގަންނަން ޖެހޭ" ރައީސް ވަޙީދު ވިދާޅުވިއެވެ.

އެވިޑް ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، އެކި ދާއިރާތަކުން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓަރސް ފުރިހަމަ ކުރި ފަރާތްތަކަށް ސަނަދު ދީފައިވެއެވެ. އަދި އެކި ކޯސްތަކުން ވަނަ ވަނައަށް އައި ފަރާތްތަކަށްވެސް އިނާމު ދީފައިވެއެވެ. އެވިޑް ކޮލެޖުން އަންނަނީ ފުޅާ ދާއިރާއެއްގައި ބޭރުގެ މަޝްހުރޫ ޔުނިވަރސިޓީތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާ ކުރުމުގައި މަސައްކަތްތަކެއް ކުރަމުންނެވެ. މާލޭގެ އިތުރުން ގދ. ތިނަދޫގައިވެސް އެވިޑް ކޮލެޖްގެ ކޮމްޕަހެއް ޤާއިމްކޮށްފައިވެއެވެ.