ޚަބަރު

މުދަލުން އަދާކުރަންޖެހޭ އެންމެ މުހިންމު ޙައްޤަކީ ޒަކާތް


ޒަކާތްދިނުމުގެ ދީނީ ޙުކުމްތައް ހަދާންކޮށްދެއްވައި، ޒަކާތްދިނުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބާރުއަޅުއްވައިފިއެވެ. 

ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ދެއްވި ޚުޠުބާ ބިނާކުރައްވާފައިވަނީ ޒަކާތުގެ މައްޗަށެވެ. މުދަލުން އަދާކުރަންޖެހޭ އެންމެ މުހިންމު ޙައްޤަކީ ޒަކާތްކަން ހަދާންކޮށްދެއްވައި، ބަޔާންކުރައްވާފައިވަނީ ޒަކާތް ދައްކަންޖެހެނީ، މުދަލަށް ދަހިވެތިކަމުގެ ބަލިން ނަފުސު ޠާހިރުކުރުމަށާއި ނަފުސުތަކަށް ދީލަތިކަން ފަސްކޮށްދުނުމަށް ކަމަށެވެ. އަދި އިންސާނާއަށް މާތް ﷲ ދެއްވި މުދަލާއި ތަނަވަސްކަމުގައި ބަރަކާތްލެއްވުމަށާއި މުޖުތަމަޢުގައި ދިރިއުޅޭ މުހުތާދުވެރިންގެ ބޭނުންތައް، މުދާލިބިގެންވާ މީހުންގެ ފަރާތުން ފުއްދައިދިނުމަށްކަމަށެވެ. ޒަކާތް ވާޖިބުވެގެންވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ.

"އެއީ ރަންރިހިންނާއި އެ މާނައިގައި ހިމެނޭ ކަރުދާހު ފައިސާއާއި މަޢުދަނާއި ރިކާޒާއި (ވަޅުލެވިފައިވާ މުދާ) ވިޔަފާރިމުދަލާއި ދަނޑުގޮވާމާއި މޭވާއާއި ހުއިހައްޕައިގެން ގެންގުޅޭ ނަޢަމް ސޫފިން. ޒަކާތް ވާޖިބު މުދާހެދި ބޮޑުވާ އެއްޗަކަށް ވާންޖެހޭނެ. ގެވެހި ކަންވާރުންނާއި ހިފާގެންގުޅޭ އެއްޗިހިންނާއި ވިޔަފާރިކުރާ ތަނުގައި ބޭނުންކުރާ އާލާތްތަކުން ޒަކާތް ދޭކަށް ނުޖެހޭނެ. ޒަކާތް ވާޖިބުވުމުގެ ޝަރުޠުތަކުގެ ތެރޭގައި ނިސާބު ހަމަވުން ނިމެނޭ. ޒަކާތް ދޭންޖެހޭ ކޮންމެ މުދަލަކުންވެސް ޒަކާތް ވާޖިބުވާނި ޝަރްޢުގައި ކަނޑައަޅުއްވާފައިވާ ވަކި މިންވަރެއް ހަމަވުމުން. ދަނޑުގޮވާމާއި މޭވާއަށް ބަލާއިރު އޭގައި އަހަރު ހަމަވޭތޯ ބަލާކަށް ނުޖެހޭނެ. މަސައްކަތްތެރިންނާއި މަސްވެރިންނާއި މުސާރަވެރިންނަށް ލިބޭ ފައިސާއިންވެސް ނިޞާބު ހަމަވާނަމަ، އަހަރު ހަމަވުމުން ޒަކާތްދައްކަންޖެހޭނެ" ޚުޠުބާގައި ވިދާޅުވިއެވެ. 

މީގެ އިތުރަށް ދަނޑުގޮވާމުން ޒަކާތް ދައްކަންޖެހޭ ގޮތްވެސް ޚުޠުބާގައި ހަނދާން އާކޮށްދެއްވާފައިވެއެވެ. ގޮވާމުން ޒަކާތް ދައްކަންޖެހެނީ، ގޮވާން ކަނޑާ ހިސާބުން ފެށިގެންމެވެ. ދަނޑުވެރިކަން ކޮށްފައިވަނީ އުޑުން ވެހުނު ވާރޭގެ ސަބަބުންނަމަ، ނުވަތަ ގަސްތަކަށް ފެންދިނުމެއް ނެތިނަމަ، ޒަކާތްދޭންޖެހޭނީ އޭގެ ދިހަބައިކުޅަ އެއްބައެވެ. ނުވަތަ ދިހައެއް އިންސައްތައެވެ. އެކަމަކު ދަނޑުވެރިކަން ކުރީ މޯޓަރުފަދަ ވަޞީލަތެއް ބޭނުންކޮށްގެން ފެންދީގެންނަމަ، ޒަކާތް ދޭންޖެހޭނީ ވިހިބައިކުޅަ އެއްބައެވެ. ނުވަތަ ފަހެއް އިންސައްތަ. ދަނޑުގޮވާމާއި މޭވާއިން ޒަކާތް ދޭންޖެހޭނީ ފަހަށް ރައްކާކޮށްފައި ބެހެއްޓޭފަދަ އޮއްޓަރު ހުންނަ ގޮވާމުންނެވެ. ޒަކާތް ދޭންޖެހޭ މޭވާގެ ބާވަތްތަކަކީ، ކަދުރާއި މޭބިސް ކަދުރެވެ. ތަރުކާރީއާއި އެހެނިހެން މޭވާގެ ބާވަތްތަކުން ޒަކާތްދޭކަށް ނުޖެހޭނެއެވެ. އެފަދަ ބާވަތްތަކުން ޒަކާތް ދޭންޖެހޭނީ އެ ތަކެތި ވިޔަފާރި މުދަލެއްގެ ގޮތުގައި ބޭނުންކުރާނަމައެވެ. އޭރުން އެތަކެތިން ޒަކާތް ދޭންޖެހޭނީ ވިޔަފާރި މުދަލުން ޒަކާތްދޭންޖެހޭ އުޞޫލުނެވެ.

ވިޔަފާރި މުދަލުން ޒަކާތްދިނުމަށް ބަލާއިރު ހުރިހާ ބާވަތެއްގެ މުދަލަކުންވެސް ޒަކާތް ދޭންޖެހޭނެކަމާއި ކޮންމެ އަހަރެއް ނިމުމުން ނިސާބު ހަމަވާ މުދަކުން ދޭއް ޕޮއިންޓް ފަހެއް އިންސައްތަ ޒަކާތަށް ދޭންޖެހެއެވެ. ޙިއްޞާއަކީވެސް ޒަކާތް ދޭންޖެހޭ އެއްޗެއްކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.

ޙިއްޞާއިން ޒަކާތް ދޭންޖެހެނީ އެ ވަގުތަކު ބާރާޒުގައި އޭގެ އަގުހުރި މިންވަރުން ހިސާބުކޮށްގެނެވެ. އެއީ އަތުގައި ހުރި ނަގުދު ފައިސާ ފަދަ އެއްޗެކެވެ. ކުށްޔަށްދޭ ފުލެޓާއި ބޯޓްފަހަރާއި ޓެކްސީފަދަ އެއްޗިހިން ޒަކާތްދޭންޖެހޭނީ ނަގުދު ފައިސާއިން ޒަކާތްދޭ ގޮތަށެވެ. ކޮންމެ މަހަކު ލިބޭ ކުލި ޚަރަދުކޮށް ހުސްވެގެންދާނަމަ އެއިން ޒަކށާތްދިނުމެއް ނެތެވެ. ކުލި ޖަމާވަމުން ގޮސް އަހަރުވާއިރު ނިސާބު ހަމަވެއްޖެނަމަ، އެއިން ޒަކާތްދޭންޖެހޭނެއެވެ. އެއިންވެސް ޒަކާތްދޭނީ ނަގުދު ފައިސާއިން ޒަކާތްދޭ ގޮތަށެވެ. ތިބާ ދިރިއުޅޭ ގެއިންނާއި ދުއްވާ ސަވާރީން ޒަކާތްދޭކަށް ނުޖެހޭނެއެވެ. 

ޒަކާތް ދެއްކުން އެންމެ ފަސޭހަގޮތްވެސް ޚުޠުބާގައިވަނީ ބަޔާންކުރައްވާފައެވެ. ޒަކާތާބެހޭ ކަންތައްތައް ބަލަހައްޓާ އޮފީހެއް ހުންނަ މުސްލިމް ޤައުމެއްގައި ދިރިއުޅޭ މުސްލިމުން، އެ އޮފީހާ ޒަކާތް ޙަވާލުކުރުމުން، ޒަކާތްދިން މީހާގެ ޒިންމާ ނިމުނީކަމަށް ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.