ޚަބަރު

ތެޔޮ ބާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ބ. ކެންދޫ ކައިރީގައި އޮތް "ގަލްފް" ނަމަކަށް ކިޔާ ތެޔޮ ބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

މި ޙާދިސާގައި އޭނާގެ ހަށިގަނޑުގެ 40 އިންސައްތަ ފިހިފައިވާކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ. މި މީހާއަށް ފަރުވާދިނުމަށް ބ.އޭދަފުއްޓަށް ގެންގޮސްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

މި ހާދިސާގައި މި ތެޔޮ ބޯޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވާއިރު، މި ބޯޓުގެ ބޮޑުބައެއް މިހާރު އޮތީ އަޑީގައި ކަމަށެވެ. އަދި މިހާދިސާ ހިނގި ވަގުތު 2 ދިވެހިންނާއި ބިދޭސީއަކު މި ތެޔޮ ބޯޓުގައި ތިބިކަމަށެވެ.

25،000 ލީޓަރުގެ ޕެޓްރޯލާއި، 6000 ލީޓަރުގެ ޑީސެލް ބަރުކޮށްގެން ދަތުރުކުރަމުންދިޔަ މި ތެޔޮ ބޯޓަކީ "ޔޫސެލް" ނަމަކަށް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ ތެޔޮ ބޯޓެކެވެ. މިހާތަނަށް ބެލި ބެލުމުން އެ ބޯޓުގައި އަލިފާން ރޯވުމަށް މެދުވެރިވީ ބެރެލްތަކަކަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއަކާ ގުޅިގެންކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.