ޚަބަރު

ހުޅުމާލޭގައި 1 ކޮޓަރީގެ ފްލެޓްތަކެއް ހިމެނޭ 14 ބުރީގެ އިމާރާތެއް


އަލަތު ކައިވެންޏާއެކު ދިރިއުޅުން ފަށާ ޒުވާނުންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ހަމަޖައްސައިދޭން ހިންގާ މަޝްރޫޢާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެއް ކޮޓަރީގެ ފްލެޓްތަކެއް ހިމެނޭ ސާދަ ބުރީގެ އިމާރާތެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީއިން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭ އަލަތު ކައިވެންޏަކާއެކު ކޮންމެ ދެމަފިރިއަކަށް ފްލެޓެއް ލިބޭ ވަޢުދުގެ ތެރެއިން ހުޅުމާލޭގައި ހެދުމަށް އިއުލާންކުރި ސާދަ ބުރީގެ އިމާރާތް ހެދުމަށްޓަކައި ތިން ގޮތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން އިމާރާތް ކުރުމަށް ހިނގާ ޚަރަދުގެ %15 އިމާރާތް ކުރާ ފަރާތަށް އެޗްޑީސީން ދީގެން އިމާރާތް ކުރާ ގޮތަށް ނުވަތަ އިމާރާތްކުރާ ފަރާތުގެ އަމިއްލަ ޚަރަދުގައި އިމާރާތް ކުރުމަށް ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏަކުން ނުވަތަ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ޚަރަދު ކުރާ ގޮތަށް އިމާރާތް ކުރުމަށް ޕްރޮޕޯޒަލް ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކޮންމެ ގޮތަކަށް އިމާރާތްކުރަން ހުށަހެޅި ނަމަވެސް އެ އެޕާޓްމަންޓެއްގެ ޖުމްލަ އަގު ތިރީސް އަށްހާސް ޑޮލަރު ނުވަތަ ފަސް ލައްކަ އަށްޑިހަ ފަސްހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށެވެ.

އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ފުރަތަމަ 5 ބުރި ނިންމާއިރު އެންމެ ތިރީ ބުރި ހުންނަންވާނީ ވިޔަފާރިކުރާ ތަންތަނާއި އެތަނުގައި ދިރިއުޅޭ މީހުންގެ އުޅަނދުތައް ޕާކުކުރާނެ ޖާގަ ހިމެނޭ ގޮތަށް ކަމަށެވެ. އަދި އެ އިމާރާތުގެ ކޮންމެ ބުރިއެއްގައި 400 އަކަފުޓޫގެ 23 އެޕާޓްމަންޓް ހުންނަންވާނެ ކަމަށްވެސް އެޗްޑީސީގެ އިޢުލާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ އިމާރާތް އަޅަންވާނީ އިމާރާތްކުރާ ފަރާތުން ޑިޒައިންކޮށް އަދި ބްރިޓިޝް މިންގަނޑުތަކަށް ފެތޭ ގޮތަށް 14 ބުރީގެ ފައުންޑޭޝަނާއެކު ކަމަށެވެ. އަދި އެ މަސައްކަތުގެ ޑިޒައިން 30 ދުވަހުގެ ތެރޭގައި ނިންމުމަށް ފަހު 150 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭނެކަމަށެވެ.

އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައި ވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި އޭގެ ފަހުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރަން މިހާރު ފަށާފައި ވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

ކޮންމެ އަލަތު ކައިވެންޏަކާއިއެކު ފްލެޓެއް ލިބުމަކީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދެކެވެ.