ކުޅިވަރު

ޑިފެންސް ކުރުމަކީ ޖަރީމާއެއްނޫން - މޮރީނިއޯ


މެޗެއް ކާމިޔާބު ކުރުމަށް މޮޅަށް ޑިފެންސް ކުރުމަކީ ފުޓްބޯޅައިގައި ހިންގާ ޖަރީމާއެއްނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ރޭ ބެންފީކާ އަތުން 1-0 ން މޮޅުވި މެޗާއި، ކުރިން ކުޅުނު މެޗުތަކުގައި ޔުނައިޓެޑުން ޑިފެންސަށް އިސްކަންދޭ ކަމަށް ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.

ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާ ކޯޗު ބުނީ ޑިފެންސް ކުރުމަކީ ފުޓްބޯޅައިގެ އަސާސީ ސިފައެއް ކަމަށާއި، އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ހާއްސަކޮށް ރަށުން ބޭރުގައި ކުޅޭއިރު އެކަން ކުރަންޖެހޭ ހާލަތްތައް އަންނަ ކަމަށެވެ. އެ ގޮތުން ރޭ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑުން ބައެއް ވަގުތުތަކުގައި ޑިފެންސް ކުރި ކަމަށާއި، އެއީ މެޗުން މޮޅުވާން ކުރަންޖެހޭ ކަމެއް ކަމަށެވެ. މޮރީނިއޯ ބުނީ ފުޓްބޯޅައިގައި އަބަދުވެސް ބަލާނީ ނަތީޖާ އަށް ކަމަށާއި، ބަލިވެއްޖެނަމަ އެޓީމެއް ކުޅުނު ގޮތާމެދު އެކަކު ވެސް ނުވިސްނާނެ ކަމަށެވެ.