ޚަބަރު

މެޑަމް ފާތިމަތު އިބްރާހިމް، އަމީރާ ހަޔާއާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޔުނައިޓެޑް އެރެބް އެމިރެޓްސްގެ ނާއިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އަނބިކަނބަލުން ހަޔާ ބިންތު އަލް ޙުސައިނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ އަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެކިދާއިރާތަކުން ރާއްޖެ އާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަމީރާ، ޕްރިންސަސް ހަޔާ ބިންތު އަލް ޙުސައިންއަކީ ޔޫއޭއީގެ ވެރިޔާގެ އަނބިކަނބަލުންގެ އިތުރުން، އުރުދުންގެ އަބްދުﷲ ރަސްގެފާނުގެ ކޮއްކޯފުޅެވެ. އިޖްތިމާޢީ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ  ހަޔާ ބިންތު އަލް ޙުސައިންއަކީ އދގެ ގުޑްވިލް އެމްބެސެޑަރުކަމުގެ އިތުރުން އދގެ ޕީސް އެމްބެސެޑަރެއްވެސްމެއެވެ.

މީގެ އިތުރުން ހަޔާ ބިންތު އަލް ޙުސައިންއަކީ ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲ ގެ ކޮއްކޯފުޅުވެސްމެއެވެ. އެހެންކަމުން އެކަމަނާއަކީ ދެ ޝާހީ އާއިލާއަކަށް ނިސްބަތްވާ މަހާރެހެންދިއެއްކަން ފާހަގަކޮށްލެވެއެވެ.

img:http://s3.psmnews.mv/images/660x400/15083204733369.jpg|ރައީސްގެ އަނބިކަނބަލުން، "ރާޝިދު ސެންޓަރ ފޯ ދަ ޑިސްއޭބަލްޑް" ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވަނީ ދުބާއީގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެއްކަމަށްވާ "ރާޝިދު ސެންޓަރ ފޯ ދަ ޑިސްއޭބަލްޑް" އަށް ޒިޔާރާތްކުރައްވާ އެމަރުކަޒުގެ ބޭފުޅުންނާ ބައްދަލްކުރެއްވިއެވެ. 

މި މަރުކަޒުގެ މަޤްޞަދަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދީ އެކުދިންނަށް ޚާއްޞަ އުނގަންނައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.