ޚަބަރު

ޓޫނާ ކޮންފަރެންސްގައި މިނިސްޓަރ ޝައިނީ ތަޤްރީރުކުރައްވައިފި


ދުނިޔޭގައި ފުތަރަމަ ފަހަރަށް ބޭއްވި ވަން ބައި ވަން ޓޫނާ ކޮންފަރަންސްގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ތަޤްރީރުކުރައްވައިފިއެވެ. 

މިކޮންފަރަންސަކީ ފަހަރަކު މަހެއް ބާނާ ގޮތަށް ކަނޑުމަހުގެ މަސްވެރިކަންކުރާ ގައުމުތަކުގެ މެދުގައި މިފަދަ މަސްވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވިދާނެ ގޮތްތަކާއި މެދު މަޝްވަރާކުރުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ. އަދި މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ފަހަރަކު މަހެއް ބާނާ ގޮތަށްކުރާ މަސްވެރިކަމުގެ ފައިދާތަކާއި މިފަދަ މަސްވެރިކަން ދުނިޔޭގައި އިތުރަށް ޕްރޮމޯޓްކުރުމަށް މަސައްކަތްތަކެއް ކުރުމެވެ. މީގެތެރޭގައި ދޮށީގެ މަސްވެރިކަމާ، އަތުނަނުގެ މަސްވެރިކަމުގެ އިތުރުން ވަދު ނަނުގެ މަސްވެރިކަން ހިމެނެއެވެ. މިބައްދަލުވުން ބާއްވާފައިވަނީ އަލްބަކޯ ޓޫނާގެ ދޮށީގެ މަސްވެރިކަންކުރާ ފޯޗުގަލްގެ އަޒޮރެސްގައެވެ. 

މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ދެއްވި ތަޤްރީރްގައި އެންމެ ބޮޑަށް އަލިއަޅުއްވާލާފައިވަނީ ފަހަރަކު މަހެއް ބާނާ ގޮތަށް ކުރާ މަސްވެރިކަމުގެ ފައިދާ ތަކާއި މިފަދަ މަސްވެރިކަން އިތުރަށް ފުޅާކުރަންޖެހޭ ސަބަބުތަކުގެ މައްޗަށެވެ. މިގޮތުން، ބޮޑު ދަލުގެ މަސްވެރިކަމާއި ޚިލާފަށް މިފަދަ މަސްވެރިކަމުގެ ސަބަބުން ތިމާވެއްޓާއި، ޖަޒީރާ ޤައުމުތަކަށާ، ކުދި އަދި ބޮޑެތި މުޖުތަމައުތަކަށް އިޖްތިމާއީ އިޤްތިސޯދީ ކުރިއެރުން ލިއްބައިދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ މަސްވެރިކަމަކީ ދުނިޔޭގައި ކުރެވޭ އެންމެ މަތީ މިންގަނޑުގެ މަސްވެރިކަންކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި މިފަދަ މަސްވެރިކަމާއި ހުރި ގުޅުމާއި ދިވެހިރާއްޖޭގެ އިޤްތިޞާދު މަސްވެރިކަމާއި، މަސްވެރިކަމާއި ގުޅުންހުރި ހަރަކާތްތަކުގެ މައްޗަށް ބިނާވެފައިވާ މިންވަރުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. 

މި ކޮންފަރެންސަކީ އަޒޮރެސްގެ ސަރަޙައްދީ ސަރުކާރުގެ ރީޖަނަލް ސެކްރެޓޭރިއޭޓް ފޮރ ދަ ސީ، ސައިންސް އެންޑް ޓެކްނޯލޮޖީއާއި  އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން ގުޅިގެން ބޭއްވި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ކަނޑުމަހުގެ މަސްވެރިކަންކުރާ ގިނަ ގައުމުތަކަކުން ބައިވެރިއެވެ. މީގެތެރޭގައި ޖަޕާން، އިންޑޮނީޝިއާ، މެކްސިކޯ އަދި ބްރެޒިލް ފަދަ ގައުމުތަކުން ބައިވެރިވިއެވެ. މިބައްދަލުވުމުގެ ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ އިތުރުން މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެއެވެ.