ޚަބަރު

ރައީސް ޔާމީން ޔޫއޭއީގެ ނާއިބް ރައީސާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޔުނައިޓެޑް އެރެބް އެމިރެޓްސް، ޔޫ.އޭ.އީ، އެޤައުމުގެ ނައިބު ރައީސްގެ މަޤާމާއި، ބޮޑުވަޒީރު، އަދި ދުބާއީގެ ވެރިޔާގެ މަޤާމު ވެސް އަދާކުރައްވާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އެމަނިކުފާނުގެ ގަނޑުވަރުގައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ޔޫއޭއީގެ ނާއިބު ރައީސް އަދި ބޮޑު ވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމް، ކުރެއްވި މަޝްވަރާތައް ބިނާ ކުރެއްވީ ދެޤައުމުގެ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހި ކުރެވިދާނެ ދައިރާތަކާއި ގުޅޭގޮތުންނެވެ.

img:http://s4.psmnews.mv/images/660x400/15082552982869.jpg|ރައީސުލްޖުމްހޫރިއްޔާ، ޔޫ.އޭ.އީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާއާ ބައްދަލުކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ވެރިންވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި، އަދި، ދުނިޔެއިން ޓެރަރިޒަމް ނައްތާލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

ދެ ބޭފުޅުންގެ މަޝްވަރާތަކަށްފަހު ވަނީ ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހި ކުރުމާގުޅޭ 4 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތައް މައިގަނޑު ގޮތެއްގައި ބިނާ ވެފައި ވަނީ ދެޤައުމު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުންނެވެ.

img:http://s2.psmnews.mv/images/660x400/15082552570522.jpg|ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރުން- ފޮޓޯ: ރައީސް އޮފީސް

އެންމެ ފުރަތަމަ ވެވުނު އެއްބަސްވުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ލޯން އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. އަދި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިންގ އެފެއަރޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ޝެއިޚް ޢަބްދުﷲ ބިން ޒައިދު އަލްނެހްޔާންއެވެ.

ދެވަނަ އެއްބަސްވުމަކީ ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކަށް ވިސާއަކާއި ނުލާ ޔޫއޭއީއަށް އެތެވެވޭނެ ގޮތަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވި ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމްއެވެ. އަދި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް  ފޮރިންގ އެފެއަރޒް އެންޑް އިންޓަރނޭޝަނަލް  ކޯޕަރޭޝަން، ޝެއިޚް ޢަބްދުﷲ ބިން ޒައިދު އަލްނެހްޔާންއެވެ.

img:http://s2.psmnews.mv/images/660x400/15082552349608.jpg|ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރުން- ފޮޓޯ: ރައީސް އޮފީސް

ތިން ވަނަ އެއްބަސްވުމަކީ، އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން ނުވަތަ ބައެއް މުދަލުން ދެފަރާތަށް ޓެކްސް ނެގުން ހުއްޓާލުމާ ބެހޭ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާރުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު ޢާސިމްއެވެ. އަދި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފައިނޭންޝަލް އެފެއަރޒް، އުބައިދު ހުމައިދު އަލްތާޔާއެވެ.

މީގެ އިތުރުން އިންވެސްޓްމަންޓްތަކަށް މަގުފަހިވާގޮތަށް މަސައްކަތްކޮށް، އިންވެސްޓަރުންނަށް ރައްކާތެރި އަދި ހިމާޔަތް ދިނުމާ ގުޅޭގޮތުންވެސް ދެ ޤައުމުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. ޔޫއޭއީގެ ފާރުތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފައިނޭންޝަލް އެފެއަރޒް އުބައިދު ހުމައިދު އަލްތާޔާއެވެ.