ޚަބަރު

ބޭރު ޤައުމުތަކުގައި އުޅެންވާނީ މައްސަލައެއް ނުޖެހޭ ގޮތަށް- ރައީސް


ބޭރު ޤައުމުތަކަށް އެކި ބޭނުންތަކުގައި ދިވެހިން ދަތުރުކުރުމުގެ ތެރެއިން، އެޤައުމުތަކުގައި ބައެއް ދިވެހިން ކަންކަން ހުންނަ ގޮތުގެ ސަބަބުން ދިވެހި ހުރިހާ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް ވިދާޅުވެ އެކަންކަމުން ދިފާއުވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގައި ތިއްބެވި ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ދިވެހިންނަކީ އަވަށްޓެރި ޤައުމުތަކަށާއި އެހެނިހެން ޤައުމުތަކަށްވެސް ވަރަށް ގިނައިން ދަތުރުކުރާ ބަޔަކަށްވާއިރު ބައެއް ދިވެހީންނަށް ކަންތައް ކުރެވޭ ގޮތުގެ ސަބަބުން ހުރިހާ ދިވެހި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާކަމަށެވެ. އޭގެ ތެރޭގައި އިމިގްރޭޝަންގެ ތެރެއިން ދަތިވާކަންކަމާއި، އުޅެންވާ ގޮތް ނޫންގޮތަށް އުޅުމުގެ ސަބަބުން ދަތިވާކަންކަން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެންމެ ރަނގަޅު ސަފީރުންނަކީ ސިޔާސީގޮތުން ޢައްޔަނުކުރެވޭ ސަފީރުން ނޫންކަމަށާއި، އެންމެ ރަނގަޅު ސަފީރުންނަކީ ރާއްޖޭން ބޭރުގައި ދިރިއުޅުއްވާއިރު އަޚްލާގީ މިންގަނޑު ހިފަހައްޓަވާ، ދިވެހިންގެ ޤަދަރު ނުވެއްޓޭގޮތަށް ދިރިއުޅުއްވުން ބައްޓަންކުރައްވާ ބޭފުޅުންކަމުގައެވެ. އަދި، އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ޔޫ.އޭ.އީގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ރައްޔިތުންނަކީ ހަރުދަނާ އަޚްލާގެއްގެ ވެރިބައެއްކަމަށާއި، ދިވެހިންގެ ޤަދަރު ހިފެހެއްޓުމަށާއި އަޚްލާގީ ފެންވަރު ރަނގަޅުގޮތުގައި ހިފެހެއްޓުންމަތީ ދެމިތިބުމަށް އިލްތިމާސްކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު ވެވުނު އެއްބަސްވުމުގެ ތެރެއިން ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރަތްތަކަށް ވިސާއަކާ ނުލާ ޔޫއޭއީއަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިވެގެން ދިޔަކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ކޮންމެ ދިވެއްސަކަށްވެސް ވިސާ އަކާ ނުލާ ޔޫއޭއީއަށް ދަތުކުރުކުރެވޭނެ އިންތިޒާމް ހަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.ޙުސައިން ނިޔާޒް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުން ޔޫއޭއީގެ ސަރުކާރާއެކު ފައިދާކުރަނިވި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމުގެ ސަބަބުން މުސްތަޤްބަލުގައި އެކަމުގެ ފައިދާ ފެންނާނެކަމަށް ވިދާޅުވިއެވެ.

ޔޫއޭއީގައި ދިރިއުޅޭ ގިނަ ދިވެހިންވެސް ވަނީ ވިސާގެ ފަސޭހަކަން ވަރަށް އަވަހަށް ލިބޭނެކަމުގެ އުންމީދު ބޮޑުކަމަށް ބުނެފައެވެ. 

ރޭގަނޑުގެ ފަރިއްކޮޅަކާއެކު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވި ދިވެހިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގައި ސަތޭކައަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުން ގެންދެއެވެ. އޭގެތެރޭގައި ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރަމުން ގެންދާ ފަރަތްތައް ހިމެނެއެވެ.