ޚަބަރު

މަހާ ޖައްރާފު- ފުރަތަމަ ހިއްކަނީ ކުޅުދުއްފުށި އެއަރޕޯޓް އަޅާ ބިން


އެމް.ޓީ.ސީ.ސީގެ ބިން ހިއްކާ ޑްރެޖަރ "މަހާ ޖައްރާފު" ބޭނުންކޮށްގެން އެންމެ ފުރަތަމަ ހިއްކުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީ އެއަރޕޯޓް އަޅާ ސަރަޙައްދުކަމަށް އެކުންފުނިން ބުނެފިއެވެ. 

ކުޅުދުއްފުށީ އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ރީޖަނަލް އެއަރޕޯޓްސްއިން އެކުންފުންޏަށް މިހާރު ހަވާލުކޮށްފައިވާކަމަށާއި، އެކަމުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ. 53.4 މިލިއަން ރުފިޔާ ހަރުދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 6.21 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީގެ ސީ.އީ.އޯ އިބްރާހީމް ޒިޔަތު ވިދާޅުވީ، ހދ.ކުޅުދުއްފުށީ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެރަށަށް ފޮނުވާނެކަމަށާއި، އެކަމަށް ބޭނުންވާ ސައިޓު މިހާރު ތައްޔާރުކުރަމުންދާކަމަށެވެ. އަދި މިމަހުގެ 30 ވަނަ ދުވަހު ޑެރްޖަރ ރާއްޖެ އައުމުން ޑްރެޖަރު ޓެސްޓްކުރުމުގެ މަސައްކަތް 5 ދުވަހުގެ ތެރޭގައި ނިންމާ، ކުޅުދުށްފުއްޓަށް ފޮނުވާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.

މި ޑްރެޖަރަކީ އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭވަރުގެ ޤާބިލުކަން ލިބިފައިވާ ޑްރެޖަރެއްކަމުން، މަސައްކަތް ފަށާތާ، 12 ނުވަތަ 13 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. އަދި  މި މަޝްރޫޢުގެ ތެރެއިން، ބިން ހިއްކާ ސަރަޙައްދުގެ ޝޯ-ޕްރޮޓެކްޝަންގެ މަސައްކަތްވެސް އެކުންފުންޏާ ހަވާލުކޮށްފައިވާކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.  

ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. 36 މިލިއަން ޑޮލަރު ޙަރަދުކޮށްގެން އެމް.ޓީ.ސީ.ސީން ބަނދެފައިވާ "މަހާ ޖައްރާފު" ބަނދެފައިވަނީ ނެދަލެންޑްސްގެ އައި.އެޗް.ސީއާއި ހަވާލުކޮށްގެން ޗައިނާގެ "ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ"ގެ ބޯޓު ޔާޑުގައެވެ.

36 މިލިއަން ޑޮލަރު ޙަރަދުކޮށްގެން ބަނދެފައިވާ މި އުޅަނދަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެމް.ޓީ.ސީ.ސީން ބަނދެފައިވާ "މަހާ ޖައްރާފު" ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށް އެކުންފުނިން ބުނެއެވެ. 

"މަހާ ޖައްރާފު" ބަނުމުގެ މަސައްކަތް ނިންމާ، އެމް.ޓީ.ސީ.ސީއާއި ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ. އަދި މި ޑްރެޖަރު މިހާރު ވަނީ ޗާއިނާއިން ރާއްޖެ އައުމުގެ މަގުމަތީގައެވެ.