ކުޅިވަރު

"މޯލްޑިވްސް ފުޓްސަލް ކާނިވަލް" ކާމިޔާބުކަމާއިއެކު ނިންމާލައިފި


މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "މޯލްޑިވްސް ފުޓްސަލް ކާނިވަލް" ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. 

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މުބާރާތުގައި ޖުމްލަ 17 ޓީމް މި އަހަރުވަނީ ވާދަކޮށްފައެވެ. އެއީ ފިރިހެން ތޭރަ ޓީމާއި އަންހެން ހަތަރު ޓީމެވެ.

ފައިނަލްގައި ޓީމް އީސީއާއި ވާދަކޮށް ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ބީޔޫ އެމްއެފްސީއެވެ. ފިރިހެން ބައިގެ ތިންވަނަ ޓީމަކީ އެފްސީ ބުކިޓް ޒީރާއެވެ. 

ހަތަރު ޓީމް ވާދަކުރި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ދި ނޮޓްސްއެވެ. އެއީ ފައިނަލްގައި ކޭއެލް ނާގިންސްއާއި ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. 

މުބާރާތުގެ ވަނަވަނައަށް އައި ޓީމްތަކާއި ކުޅުންތެރިންނަށް އިނާމް ހަވާލްކޮށްދެއްވީ މެލޭޝީޔާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރ ޣާނިޔާ އަބަދުލްޣަފޫރެވެ. 

މި މުބާރާތަކީ މެލޭޝިޔާގައި ދިރިއުޅޭދިވެހިންގެ މެދުގައި އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ރޫޙު އާލާކޮށް ހުރިހާދިވެހިން އެއްތަނަކުން ބައްދަލުކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެއްކަމަށް މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީން މައުލޫމާތުދެއްވައެވެ.