ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑްގައި ކެރިއަރު ނިންމާނުލާނަން - މޮރީނިއޯ


ެމެންޗެސްޓާ ޔުނައިޓެޑުގައި ހުރެ އޭނާގެ ކޯޗިން ކެރިއަރު ނިންމާނުލާނެ ކަމަށް އެ ޓީމުގެ ކޮޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޕޯޗުގަލްގެ ކޯޗު މިހެން ބުނީ އޭނާގެ ކޯޗިން ޓްރެކް ރެކޯޑާމެދު ނޫސްވެރިން ސުވާލު ކުރުމުންނެވެ. މޮރީނިއޯ މިހާތަނަށް ކޯޗުކޮށްދީފައިވާ ހަތް ކުލަބުގައި ވެސް ގިނަވެގެން އޭނާ ހޭދަކޮށްފައިވަނީ ހަތަރު އަހަރެވެ.



ޔުނައިޓެޑާއެކު 2020ގެ ނިޔަލަށް ކޮންޓްރެކްޓް ހަދައިގެން ހުރި މޮރީނިއޯ ބުނީ ޔުނައިޓެޑްގައި ހުރެ އޭނާގެ ކޯޗިން ކެރިއަރު ނިންމާލަން ބޭނުންނުވަނީ އާ ކަންތައްތަކާއި އާއުއްމީދުތަކެއް އޭނާ ކުރާތީ ކަމަށެވެ. އަދ ކޯޗެއްގެ ގޮތުން ބަލާނަމަ އޭނާ އަކީ އަދިވެސް ޒުވާން ކޯޗެއް ކަމަށާއި މިހެންވެ އިތުރު ކާމިޔާބީ ހޯދަން ބޭނުންވާ ކަމަށް 51 އަހަރުގެ މޮރީނިއޯ ވަނީ ބުނެފައެވެ.

ޔޫރަޕުގެ މަޝްހޫރު ލީގުތަކުގެ ތެރެއިން މޮރީނިއޯ މިހާތަނަށް ކޯޗުކޮށްދީފައިނުވާ ލީގަކީ ފްރާންސް ލީގެވެ. މިހެންވެ އޭނާ ބުނީ ފްރާންސަކީ ފުޓްބޯޅައިގެ ތާރީޚެއް އޮތް ޤައުމެއް ކަމަށާއި ޚާއްސަކޮށް ވެރިރަށް ޕެރިހަކީ އޭނާ ލޯބިކުރާ ތަނެއް ކަމަށެވެ. އަދި ޕެރިހަށް ނިސްބަތްވާ ޕީއެސްޖީ އަކީ ވަރަށް ފައްކާ ކުލަބެއް ކަމަށެވެ. މޮރީނިއޯ މިހެން ބުނީ ޕީއެސްޖީން އެ ޓީމަށް އައު ކޯޗަކު ހޯދަމުންދާ ވަގުތެއްގައެވެ.

ޗެލްސީ އަށް ދެ ފަހަރުމަތިން ކޯޗުކޮށްދީ ރެއާލް މެޑްރިޑާއި އިންޓަރ މިލާން އަދި ޕޯޓޯ އަށް ވެސް ކޯޗުކޯށްދީފައިވާ މޮރީނިއޯ ވަނީ ޕޯޓޯ އާއި އިންޓަރ މިލާނުގައި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.