ކުޅިވަރު

ހެރީ ކޭން ގަތުމަށް ރެއާލް މެޑްރިޑުން 3 ކުޅުންތެރިއަކު ދޫކޮށްލަނީ!


ތިން ކުޅުންތެރިއަކު ދޫކޮށްލައިގެން ވެސް ޓޮޓެންހަމުގެ ފޯވަޑް ހެރީ ކޭން ގަތުމަށް ރެއާލް މެޑްރިޑުން ތައްޔާރުވަމުން އަންނަކަމަށް ސްޕެއިނުގެ ނޫސްތަކުން ބުނެފިއެވެ.

މި ގޮތުން ރެއާލްއިން ބަދަލެއްގެ ގޮތުން ދޫކޮށްލަން ލިސްޓުކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ގެރެތް ބޭލް އާއި ލޫކާ މޮޑްރިޗާއި ކަރީމް ބެންޒެމާއެވެ. މީގެ ތެރެއިން މޮޑްރިޗާއި ބޭލް އަކީ ޓޮޓެންހަމުން ރެއާލްއަށް ބޮޑުއަގުގައި ގެންދިޔަ ދެ ކުޅުންތެރިންނެވެ.

ހެރީ ކޭން އަކީ މިހާރު ޔޫރަޕުގެ ބޮޑެތި ކުލަބުތެ ކޯޗުންގެ ލޮލުގައި ވަރަށް ބޮޑަށް އަޅައިގެންފައިވާ ކުޅުންތެރިކެވެ. ޚާއްސަކޮށް އޭނާ ޖަހަމުންދާ ގިނަ ގޯލުތަކުގެ ސަބަބުން ކޭންއަކީ ލުއިސް ސުއަރޭޒަށް ފަހު ޕްރިމިއާރ ލީގުގައި 30 ގޯލު ޖަހާނެ ފުރަތަމަ ކުޅުންތެރިޔާ އަށް ވާނެ ކަމަށް ގަބޫލު ކުރާ މީހުން ވަރަށް ގިނައެވެ.

އުމުރުން 24 އަހަރުގެ ކޭން ވަނީ ޕްރިމިއާރ ލީގުގައި މިސީޒަނުގައި ކުޅުނު 10 މެޗުގައި 11 ގޯލު ޖަހާފައެވެ. އޭނާ ގަތުމަށް ރެއާލްއިން މަސައްކަތް ފަށާފައިވާއިރު އެއީ ވިއްކާ ކުޅުންތެރިއެއް ނޫންކަަމަށް ޓޮޓެންހަމުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އަދި މި ޓްރާންސްފާރ ހަދާނަމަ އެއީ ދުނިޔޭގެ ރެކޯޑް އަގަކަށްވާނެ ކަމަށް ވެސް ޓޮޓެންހަމުން ވަނީ ބުނެފައެވެ. 

ކަންމިހެން އޮތްނަމަ އެއީ 222 މިލިއަން ޕައުންޑަށްވުރެ އަޑުބޮޑު ޑީލަކަށްވާނެއެވެ. ރެއާލްއިން މިހާރު އަންނަނީ ކުރިއަށް ކުޅޭނެ މޮޅު ފޯވަޑަކަށް އަތްފުނާ އަޅަމުންނެވެ.