ތަރައްްޤީ

" 22 އަހަރަށްފަހު އެނބުރި ދެވަނަ ވަޒަނަށް"


ސްރީލަންކާއަކީ އެމަނިކުފާނުގެ ދެވަނަ ވަޒަންކަމަށް ވިދާޅުވެ، އެ ޤައުމާމެދު ހިތުގައިވާ ލޯތްބާއި، ގާތްކަން ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ހުސެއިން ޝަރީފް ހާމަކުރައްވައިފިއެވެ.

ކޮލަންބޯ ގެޒެޓަށް ލިޔުއްވާފައިވާ ލިޔުމެއްގައި އެމަނިކުފާނު ވަނީ ސްރީލަންކާގައި އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާން އާކުރައްވާފައެވެ.

ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އޮގަސްޓްމަހުގެ ތެރޭގައި އައްޔަންކުރެއްވި މުޙައްމަދު ޙުސެއިން ޝަރީފަކީ ޅައުމުރުގެ ގިނަ ދުވަސްތަކެއް ސްރީލަންކާގައި ހޭދަކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު، ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ޙާސިލް ކުރެއްވުމަށް ސްރީލަންކާގައި 7 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅުއްވާފައިވެއެވެ.

ސްރީލަންކާއާމެދު އެމަނިކުފާނުގެ ހިތުގައިވާ ގާތްކަން ހާމަކުރައްވައި ކޮލަމްބޯ ގެޒެޓަށް ލިޔުއްވި ލިޔުމެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ސްރީލަންކާއަކީ އެމަނިކުފާނުގެ ދެވަނަ ވަޒަންކަމަށާއި، ސްރީލަންކާ ސަފީރުގެ ގޮތުގައި ޚިދުމަތް ކުރުމަށް ލިބުމަކީ އެމަނިކުފާނަށް ލިބޭ ޝަރަފެއްކަމަށެވެ.

ސްރީލަންކާގައި ދިރިއުޅުއްވިއިރު ދިމާވި ހަނދާނުން ފިލުވާލަންދަތި ހާދިސާތައް އެމަނިކުފާނު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން 1980ގެ އަހަރުތަކުގައި ސްރީލަންކާގައި ހިނގި ނަސްލީ ތަފާތުކުރުންތަކާއި ފިނި ހަނގުރާމައިގެ ހަނދާންތައް އާކުރައްވައި، އެދުވަސްވަރު ރާއްޖެއާ ދުރުގައި ކޮޅުނބުގައި ހުންނަވައި، ކުރެއްވި ތަޖުރިބާ ހިއްޞާ ކުރައްވާފައިވެއެވެ. އަދި ތަމަޅަ ޓައިގަރުންނާއި ސްރީލަންކާ ސަރުކާރާ ހަނގުރާމަ ކުރިއަށްދިޔައިރު 1991 ވަނަ އަހަރު އެމަނިކުފާނު ކުރެއްވި ތަޖުރިބާތައްވެސް ހިއްސާކުރައްވާފައިވެއެވެ.

އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި ސްރީލަންކާއަކީ ދިރިއުޅުމުގައި ރަނގަޅުކަންތައްތަކަށް އުންމީދު އާކޮށްދިން ޤައުމެކެވެ. އެހެން މީހުންނަށް އިޙްތިރާމް ކުރުމާއި، ހުރިހާ ފިރުކުތަކާއި، ސަޤާފަތްތައް ބަލައިގަތުމުގެ ސިފަ އަށަގަންނުވައިދިނީ ސްރީލަންކާގައި ކުރެއްވި ތަޖުރިބާއިންކަމަށްވެސް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

މުޙައްމަދު ޙުސެއިން ޝަރީފް ސްރީލަންކާ ސިފަކުރައްވަނީ ތާރީޚާއި ސަޤާފަތާއި، މަސައްކަތްތެރިކަމުގެ ޤައުމުގެ ގޮތުގައެވެ. އަދި އުންމީދުން ފުރިގެންވާ ރައްޔިތެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައެވެ. އަދި ހިނިތުންވުމާއެކު މަރުޙަބާކިޔާ، އޯގާތެރި ރައްޔިތެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައެވެ.

ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމުގައި ހުންނަވަނިކޮށް، ސްރީލަންކާ ސަފީރުގެ މަޤާމަށް އައްޔަންކުރެއްވުމާއެކު އުފަލާއެކު އެކަން ބަލައިގަތްކަމަށާއި، އަމިއްލަ ވަޒަނުން ބޭރުގައި ޚިދުމަތްކުރައްވަން ޖެހުނަސް، އަމިއްލަ ވަޒަނުގައި ހުރެގެން ޚިދުމަތްކުރެވުމުގެ އިހްސާސް އެމަނިކުފާނަށް ކުރެވޭކަމަށް ލިޔުއްވާފައިވެއެވެ. އަދި ސްރީލަންކާ ދޫކޮށް ދިޔަތާ 22 އަހަރުފަހުން އަނބުރާ އާދެވުމުން އުފާވެފައި ހުންނެވިކަމަށް މުޙައްމަދު ހުސެއިން ޝަރީފް ކޮލަންބޯ ގެޒެޓަށް ލިޔުއްވާފައިވާ ލިޔުމުގައިވެއެވެ.