ޚަބަރު

މިއަހަރުގެ މުދަލު ޒަކާތް، ބަހަން ފަށައިފި


މިއަހަރުގެ މުދަލު ޒަކާތް، ބަހަން ފަށައިފިއެވެ.

މުދަލު ޒަކާތް ބަހަން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 3:00 އަށް މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުންވެސް މުދަލު ޒަކާތް ބަހާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މާލޭގައި ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްދަނީ އިސްލާމީ މަރުކަޒުގައެވެ.

މިއަހަރު ކޮންމެ ފަޤީރަކަށް 900 ރުފިޔާ ބެހުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މުދަލު ޒަކާތް މި ފަހަރު ބަހަމުން ގެންދާނީ ފިތުރު ޒަކާތް ބެހުމަށް އެކުލަވާލި ލިސްޓާ އެއްގޮތަށް ކަމަށެވެ. އެގޮތުން  މިއަހަރު ފަގީރުންގެ ގޮތުގައި 16229 މީހުން ލިސްޓް ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި މާލެއިން 3138 މީހުންނާއި، އަތޮޅުތަކުން 13091 މީހުން ފަގީރުންގެ ލިސްޓްގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

މިދިޔަ އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ބޮލަކަށްވެސް ވަނީ 900 ރުފިޔާ ބަހާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު މުދަލު ޒަކާތް ބެހުން ލަސްވެގެން ދިޔައީ ފަގީރުންގެ ލިސްޓް އެކުލަވާލުމަށް ދިމާވި ދަތިތަކުންކަމަށެވެ. އެހެންނަމަވެސް މުސްތަގުބަލުގައި މިކަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށްއެމިނިސްޓްރީން ބުނެއެވެ.