ކުޅިވަރު

ފަހު 15 މިނިޓްގެ ލަނޑުތަކުން މޮޅުވެ، މާޒިޔާ އެއްވަނައަށް


މެޗުގެ ފަހު 15 މިނިޓްގައި ޖެހި ލަނޑުތަކުން މޮޅުވެ، އުރީދޫ ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައަށް މާޒިޔާ ޖެހިލައިފިއެވެ.

ކުޑަހުވަދޫ ކޮޅަށް މިރޭ މާޒިޔާއިން ތިން ލަނޑުވެސް ޖެހީ މެޗުގެ ފަހު 15 މިނިޓްގައެވެ. ފުރަތަމަ ލަނޑު 75 ވަނަ މިނިޓްގައި މާޒިޔާއިން ޖެހީ މޫސާ ޔާމީނަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ލަނޑު ކާމިޔާބުކުރީ ކެޕްޓަން މުޙައްމަދު އުމެއިރުއެވެ. ލަނޑަށްފަހު މާގިނަ އިރެއް ނުވެ ދެވަނަ ލަނޑުވެސް ޖެހީ އުމެއިރުއެވެ. ގޯލް އޭރިޔާ ތެރޭގައި ހުރެ އޭނާ ބޯޅަ ފޮނުވާލިއިރު ހުރަސް އަޅާނެ އެއްވެސް ކުޅުންތެރިއަކު ނެތެވެ. ތިންވަނަ ލަނޑު ބަދަލުކުޅުންތެރިޔާ އިސްމާއީލް އީސާ ޖެހީ އަހުމަދު އިމާޒު (އާއްކޮ) މުޅިން ހުސްކޮށްލާފަ ދިން ރީތި ބޯޅައަކުންނެވެ. މެޗުގައި އާއްކޮވެސް ކުޅެން ނިކުތީ ދެވަނަ ހާފްގެ ފަހު ދިހަ މިނިޓްގެ ތެރޭގައެވެ. މެޗުގައި ކުޑަހުވަދޫއަށް ލަނޑެއް ނުޖެހުނު ނަމަވެސް ރަނގަޅު ދެ ފުރުޞަތެއް ތަނަވަސްކުރިއެވެ. 

މިމޮޅާއެކު މާޒިޔާއަށް އެެއްވަނަ ލިބެނީ ޓީސީއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފައިދާ ގޯލުގެ ތަފާތުންނެވެ. ދެޓީމަށްވެސް ލިބިފައިވަނީ 19 ޕޮއިންޓެވެ. ނަމަވެސް މާދަމާ ހަވީރު ނިއުރޭޑިއަންޓް މިލަންދޫ އަތުން މޮޅުވެއްޖެ ނަމަ އެޓީމަށް އަލުން އެއްވަނަ ލިބޭނެއެވެ.

މިރޭގެ މެޗަށްފަހު މާޒިޔާގެ ކޯޗު މަރްޔާން ސެކްލޮސްކީ ބުނީ މޮޅުވުމުން ޓާގެޓް ހާޞިލްވެއްޖެކަމަށާއި، ތިން ޕޮއިންޓާއެކު އޭނާ ހުރީ ހިތްހަމަ ޖެހިގެންކަމަށެވެ.

" މޮޅުވީމަ ހިތްހަމަޖެހޭ. ޓާގެޓަކީ ތިން ޕޮއިންޓް. ލަނޑެއް ޖެހުމާ ހަމައަށް މެޗު އުނދަގޫ. އެއީ އެކަން އޮންނާނެގޮތް. ލަނޑަށްފަހު އެކަން ބަދަލުވެއްޖެ " ކޯޗު ބުންޏެވެ.

ކުޑަހުވަދޫ ޓީމްގެ ކޯޗު މުޙައްމަދު ޝިޔާޒު (މޯހަން) ބުނީ 75 ވަނަ މިނިޓާ ހަމައަށް ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅެ ހިތްވަރު ކުރިކަމަށެވެ. މުޅި މެޗުގައިވެސް ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށާއި، "އެކަހަލަ" ޕެނަލްޓީއެއް ވަނުމުން ކުޅުންތެރިންގެ މޯރަލް ދަށްވާނެކަމަށެވެ. އެޕެނަލްޓީއާމެދު އެއްޗެއް ބުނަން އިނގޭނީ ޓީވީން ބެލުމަށްފަހުކަމަށްވެސް އޭނާ ބުންޏެވެ.

" އަޅުގަނޑަށް ފުރަތަމަ ހީވި އަޅުގަނޑުމެންނަށޭ ޖެހުން ލިބެނީ، އަޅުގަނޑުމެންގެ ކުޅުންތެރިޔާއަށޭ ފުރަތަމަ ފައުލްކުރީ ޓީވީން ބަލާލާފަ އެއްޗެއް ބުނަން އިނގޭނީ. ކޮންމެ ގޮތެއްވިޔަސް އެކަހަލަ ލަނޑެއް ވަނީމަ ކުޅުންތެރިން ހިތްވަރު އެލޭނެ. މިއީވެސް ތަޖުރިބާއެއް. ކޮންމެ ދުވަހަކުވެސް ތަފާތު ކަންކަން ތަޖުރިބާ ކުރަނީ. ކުޅުންތެރިންގެ މަސައްކަތްވެސް ކުޅުންވެސް ރަނގަޅު. ހިތްހަމަ ޖެހޭ. ފުރަތަމަ ހާފްގައި ބައިކޮޅަށް ލަނޑެއް ނުވަނުމަކީވެސް ވަރަށް ޕޮޒިޓިވް ކަމެއް " މޯހަން ބުންޏެވެ.