ޚަބަރު

ސުލްޙައިގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ދުވުމެއް ބާއްވައިފި


ވާލްޑް ޕީސް ޑޭއި ނުވަތަ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ސުލްޙައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ދުވުމެއް ބާއްވައިފިއެވެ. 

"ޕީސް އިޒް ޕޮސިބަލް"، މި ނަމުގައި ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލް މޯލްޑިވްސް އިން ކުރިއަށްގެންދާ ކެމްޕެއިންގެދަށުން ބޭއްވި "ޕީސް ރަން" ބާއްވާފައިވަނީ ސެޕްޓެމްބަރ 21 ގައި ފާހަގަކުރާ ދުނިޔޭގެ ސުލްޙައިގެ ދުވަސް ފާހަގަކުރުމަށާއި، ޖޭ.ސީ.އައި ގެ ޙަރަކާތްތައް ފެށުނުތާ 102 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. މިދުވުމުގެ އެއް ޢަމާޒަކީ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ގޯލް އެސް.ޑީ.ޖީ 16 ގައި ހިމެނޭ ޕީސް، ޖަސްޓިސް އެންޑް ސްޓްރޯންގް އިންސްޓިޓިއުޝަނަށް ތާޢިދުކުރުމުގެގޮތުން އެކަމަށް މީހުން ހޭލުންތެރިކުރުވުންކަން ފާހަގަކުރައްވައި، ޖޭ.ސީ.އައި މޯލްޑިވްސް ގެ ރައީސާ މަރިޔަމް ޝިޒްލީން ވިދާޅުވީ ޖޭ.ސީ.އައި ގެ ފަރާތުން އަބަދުވެސް ސުލްޙަވެރިކަން އާލާކުރުމަށް މަސައްކަތްކުރާނެކަމަށެވެ.

img:http://s4.psmnews.mv/images/660x400/15079700482017.jpg|

"މަވެސް ދުވަން"، މި ޝިޢާރުގެ ދަށުން ކުރިއަށްގެންދިޔަ ދުވުމުގައި ގިނަ ޢަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ބައިވެރިވިއެވެ. ދުވުމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނުކަން ޖޭ.ސީ.އައި ގެ ރައީސާ ފާހަގަކުރެއްވިއިރު ދުވުމަށް ގިނަ ބައެއްގެ ތަރުޙީބު ލިބުނުކަން ބައިވެރިންވެސް ފާހަގަކުރިއެވެ.

މިދުވުމަށްފަހު ގުރުއަތުންހޮވި ފަރާތްތަކަށް ދުބާއީ ދެކޮޅު ޓިކެޓާއި، ކޮލޮމްބޯ ދެކޮޅު ޓިކެޓާއި ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުޞަތު ދީފައިވެއެވެ. 

މި ޙަރަކާތަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ޖޭ.ސީ.އައި އިން މަޢުލޫމާތުދެއެވެ. މިއީ ރާއްޖޭގައި ޕީސް ރަން ބޭއްވި ދެވަނަ ފަހަރެވެ.