ދުނިޔެ

ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައުޑްރޭ އަޒުލޭ


ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމަށް ފަރަންސޭސިވިލާތުގެ ރައްޔިތެއްކަމަށްވާ އައުޑްރޭ އަޒުލޭ އިންތިޚާބުކޮށްފިއެވެ.

މިމަޤާމަށް 5 ޤައުމެއްގެ ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އަޒުލޭ އާ އެންމެ ގާތުން ވާދަކޮށްފައިވަނީ ޤަތަރުގެ ކެންޑިޑޭޓް ހަމަދު ބިން އަބްދުލްއަޒީޒް އަލްކަވާރީ އާއި މިސްރުގެ ކެންޑިޑޭޓް މުޝީރާ ޚައްތާބެވެ. އިންތިޚާބުގެ ފަހުބުރުގައި އައުޑްރޭ އަޒުލޭއަށް 31 ވޯޓު ލިބިފައިވާއިރު ގަތަރުގެ ކެންޑިޑޭޓް ހަމަދު ބިން އަބްދުލްއަޒީޒް އަލްކަވާރީއަށް 28 ވޯޓު އަދި  މުޝީރާ ޚައްތާބް އަށް 25 ވޯޓު ލިބިފައިވެއެވެ.

އިންތިޚާބުގެ ދެވަނަ ބުރާއި ތިންވަނަ ބުރާއި ހަތަރުވަނަ ބުރުގައި އެހެން ކެންޑިޑޭޓުންވަނީ ނާކާމިޔާބުވެގެން އިންތިޚާބުން ބޭރުވެފައެވެ. މީގެތެރޭގައި ޗައިނާގެ ކެންޑިޑޭޓް ޓަންގް ގިޔާން އާއި ވިއެޓްނާމްގެ މަންދޫބު ޕާމް ސަންހު އާއި ގުއެޓެމާލާގެ ކެންޑިޑޭޓާއި އިރާގުގެ ކެންޑިޑޭޓް އަދި ލުބްނާނުގެ ކެންޑިޑޭޓްވެސް ހިމެނެއެވެ. ޔުނެސްކޯ ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އިންތިޚާބުކުރި އައުޑްރޭ އަޒުލޭ އަކީ އެޤައުމުގެ ސަޤާފަތާބެހޭ ވަޒީރުކަން ކުރިން ކުރައްވާފައިވާ އަންހެން ބޭފުޅެކެވެ.