ތަރައްްޤީ

ހައްދުންމަތި ލިންކް ރޯޑް ބަސްދަތުރުގެ ޚިދުމަތް ފަށައިފި


ހައްދުންމަތީގެ އެންމެ އާބާދީ ބޮޑު ދެރަށް ކަމުގައިވާ ގަމާއި ފޮނަދޫއާއި ދެމެދު ބަހުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ހައްދުންމަތި ލިންކް ރޯޑް ބަސްދަތުރުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.

ބަހުގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހައްދުންމަތީ ލިންކް ރޯޑް ބުނެދޭ ވާހަކައަކީ، ރާއްޖޭގެ ރައްޔިތުންގެ މައްސަލަތައް ޙައްލުކުރެއްވުމަށް ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވާ ވާހަކައާއި ކުރައްވާނެ ވާހަކަ ކަމަށެވެ. އަދި މި ސަރުކާރުން ކުރާ މަސައްކަތަކީ ފަނާކުރުމަށް ކުރެވޭ ކަންކަމުގެ ގެއްލުމުން އަރައިގަންނަމުން، ޤައުމު ބިނާކުރުމުގެ އަވަސް ބޮޑެތި މަސައްކަތްތައް ކުރުންކަމަށްވެސް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15078976363961.jpg|ހައްދުންމަތީ ލިންކް ރޯޑް ބަހުގެ ޚިދުމަތް ދިނުން، އިކޮނޮމިކް މިނިސްޓަރ ރަސްމީކޮށް އިފްތިތާހް ކޮށްދެއްވަނީ -

ހައްދުންމަތީގައި ބަސްދަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އެމްޕީއެލްއާއެވެ. އެމްޕީއެލްއިން މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ 50 މީހުންގެ ޖާގައިގެ ދެބަހާއި، 30 މީހުންގެ ޖާގައިގެ ދެ ބަހެވެ. މި ބަސްތައް ލ.އަތޮޅުގެ ގުޅިފައިވާ 4 ރަށް، ކަމަށްވާ ފޮނަދުއާ، ކައްދޫއާއި، މާންދޫ އަދި ގަމަށް ދަތުރުކުރާނެއެވެ. މި ބަސް ތަކަކީ އެންމެ ފަހުގެ ޒަމާނީ ބަސްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ހައްދުންމަތި ލިންކް ރޯޑް ބަސްދަތުރުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ ހައްދުންމަތި ލިންކު ރޯޑުގައި މާދަމާ ބަހުގެ ޚިދުމަތް ފަށާއިރު، މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ބަހުގެ ޚިދުމަތް ދެމުންދާނީ ހިލޭކަމަށެވެ. އަދި މިމަހުގެ ވިހި ވަނަ ދުވަހުގެ ފަހުން ފީ ނަގަން ފަށާއިރު، ޚިދުމަތަށް އަގު ނަގާނީ ވިޔަފާރީގެ ފައިދާއެއް ހޯދުމުގެ ބަދަލުގައި ރައްޔިތުންނަށް ވީހާވެސް ލުއިވާނެގޮތަކަށްކަމަށެވެ.

މިހާރު ހައްދުންމަތީގައި އެއްގަމު ދަތުރުފަތުރަށް ދުއިސައްތައެއްހާ ރުފިޔާ ޚަރަދުކުރަންޖެހޭއިރު، ބަހުގެ ޚިދުމަތް ފެށުމާއިއެކު މި ޚަރަދު އެތައް ގުނައެއް ކުޑަވެގެންދާނެކަން އަބްދުއްރައްޒާގު ފާހަގަކުރެއްވިއެވެ. އެގޮތުން ބަހުގެ ޚިދުމަތަށް ނަގާނީ 10 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހައްދުންމަތީ ބަސްދަތުރުގެ ޚިދުމަތުގައި، ޢުމުރުން 2 އަހަރު ނުފުރޭ ކުދިންނަށާއި 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށް ހިލޭ ދަތުރުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15078976695721.jpg|ހައްދުންމަތީ ލިންކް ރޯޑް ބަހުގެ ޚިދުމަތް ދިނުން ރަސްމީކޮށް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެތެރެއިން -

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރ ޢަބްދުއްރަޙީމް ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ހައްދުންމައްޗަށާއި ރާއްޖޭގެ ރައްޔިތުނަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގެނެސްދެއްވާ ހަލުވި އަދި ބޮޑެތި ތަރައްޤީއަށްޓަކައި އެމަނިކުފާނަށް ތަޢުރީފްކުރައްވައި، ޝުކުރުއަދާކުރެއްވިއެވެ.

ގަން ފޮނަދޫ ސަރަޙައްދުގައި 7 ހާހެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭއިރު، ޒަމާނީ ބަހުގެ ޚިދުމަތާއެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ހައްދުންމައްޗަކީ ގުޅިފައިވާ ރަށްތަކަށް ދަތުރުކުރެވޭ ގޮތަށް 17 ކިލޯ މިޓަރަށްވުރެ ދިގު، އެންމެ ޒަމާނީ ފެންވަރުގެ ލިންކް ރޯޑެއް ހަދައި ބޭނުންކުރަން ފަށާފައިވާ ސަރަޙައްދެކެވެ. ރާއްޖޭގައި މިހާރު އޮތް އެންމެ ދިގު އަދި އެންމެ ފެންވަރު ރަނގަޅު މަގަކީ ހައްދުންމަތީ ލިންކް ރޯޑެވެ. މި މަގު ހަދާފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ.