ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަން އަންނަގޮތަށް އަމަލުކުރާ މީހުންގެ ޕާސްޕޯޓް ކެންސަލްކުރުމުގެ ބާރު ލިބިދޭ ގޮތަށް ޕާސްޕޯޓާބެހޭ ޤަވާއިދު އިސްލާހުކޮށް އެ ޤަވައިދަށް އަމަލުކުރަން ފަށައިފިއެވެ.
2012 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ޕާސްޕޯޓާބެހޭ ޤަވާއިދު ބާޠިލުކުރުމަށްފަހު އަލަށް އެކުލަވާލި އައު ޤަވާއިދުގެ ދަށުން ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު ލިބިދީފައިވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނަށެވެ.
އައު ގަވައިދުގައިވާ ގޮތުން ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަން އަންނަގޮތަށް އަމަލުކުރާ މީހުންގެ ޕާސްޕޯޓް ކެންސަލްކުރުމުގެ ބާރު ލިބިދީފައިވެއެވެ. އަދި މީގެ އިތުރުން ބޭރު ޤައުމުތަކުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދާކަމަށް ޝައްކުކުރެވޭ މީހުންގެ ޕާސްޕޯޓް ކެންސަލްކުރުމުގެ ބާރުވެސް މި ޤަވައިދުގައި ދަށުން ކޮންޓްރޯލަރ ޖެނެރަލަށް ލިބިގެންވެއެވެ. މި ޤަވައިދުގައިވާ ގޮތުން ޕާސްޕޯޓް ކެންސަލް ކުރެވޭ މުއްދަތު ކަނޑައެޅުމުގެ ބާރުވެސް ދީފައިވަނީ ކޮންޓްރޯލަރ ޖެނެރަލަށެވެ.
ޕާސްޕޯޓް ކެންސަލް ކުރެވޭ މީހަކީ ރާއްޖޭގައި ހުރި މީހެއް ނަމަ ފޯނުން ގުޅައި ޕާސްޕޯޓް ކެންސަލް ކުރިކަން އަންގައި، ލިޔުމުން އެމީހަކަން އެކަން އަންގަންޖެހެއެވެ. އަދި ޕާސްޕޯޓް ކެންސަލް ކުރެވޭ މީހަކީ ރާއްޖެއިން ބޭރުގައި ހުރި މީހެއް ނަމަ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެޤައުމެއްގެ ފޮރިން މިނިސްޓްރީއަށް ނުވަތަ އެޤައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އެކަން އަންގަންވާނެކަމަށް މިޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ޤަވާއިދުގެ ދަށުން ޕާސްޕޯޓް ކެންސަލް ކުރަންވާނީ ވަކި މުއްދަތެއް ކަނޑައެޅުމަށްފަހު. އަދި އެ މުއްދަތު ހަމަވުމުން ޕާސްޕޯޓަށް އެދި ހުށައެޅުމުން، އަލުން ޕާސްޕޯޓް ހައްދައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.