ޚަބަރު

4 ރަށަކުން ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި


ހއ. ދިއްދޫއާއި ގދ. ގައްދުއާއި އެ އަތޮޅު ހޯޑެއްދުއާއި ގއ. ވިލިނގިލިން ފްލެޓް ލިބުނު ފަރާތްތަކުގެ ފައިނަލް ލިސްޓް ހައުސިން މިނިސްޓްރީން އާއްމުކޮށްފިއެވެ.

މި 4 ރަށުގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކަށް ހޮވުނު ފަރާތްތަތަކުގެ ލިސްޓު އަތޮޅެއްގެ އަތޮޅުކައުންސިލާއި، ރަށު ކައުންސިލުން ފެންނަން ހުންނާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ގެންދަނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ފްލެޓްތައް ތަރައްޤީކުރަމުންނެވެ. އަދި އެ ފްލަޓްތަކުގެ މަސައްކަތް ނިންމާ ފްލެޓްތަކަށް ކުރިމަތިލީ ފަރާތަކަށް ފްލެޓް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން ހއ. ދިއްދުއާއި ގދ.ގައްދުއާއި ގދ.ހޯޑެއްދުއާއި ގއ.ވިލިނގިލީގައި އެޅި ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކުގެ ފައިނަލް ލިސްޓް ހައުސިންގ މިނިސްޓްރީން މިވަނީ ޢާއްމުކޮށްފައެވެ. މި ލިސްޓްތައްވެސް ޢާއްމުކޮށްފައިވަނީ ހަމައެކަނި ފްލެޓްތައް ލިބުނު ފަރާތްތަކުގެ ފޯމް ނަންބަރު އެނގޭނެހެންނެވެ.

ހ.އ ދިއްދޫއިން ކެޓަގަރީ އޭއިން 125 ހައުސިންގ ޔުނިޓް ދީފައިވާއިރު، ކެޓަގަރީ ބީން 15 ފަރާތަކަށް ވަނި ހައުސިންގ ޔުނިޓް ދީފައެވެ. ގ.ދ ހޯޑެއްދޫގެ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ކެޓަގަރީ އޭގައި ހިމެނެނީ 30 ޔުނިޓް އަދި ކެޓަގަރީ ބީގައި ހިމެނެނީ 10ޔުނިޓެވެ. ގ.ދ ގައްދޫއިން ކެޓަގަރީ އޭގައި ހިމެނެނީ 35 ޔުނިޓް އަދި ކެޓަގަރީ ބީގައި ހިމެނެނީ 5 ޔުނިޓެވެ. އަދި ގއ.ވިލިނގިލީން ކެޓަގަރީ އޭއިން 37 ޔުނިޓް ދީފައިވާއިރު ކެޓަގަރީ ދޭކުން 5 ފަރާތަކަށް ވަނީ ހައުސިންގ ޔުނިޓް ދީފައެވެ.

ހައުސިންގް ޔުނިޓްތައް ލިބުނު ފަރާތްތަކާއިއެކު އެގްރީމެންޓް ހެދުމުގެ ކުރިން، ހައުސިންގް ޔުނިޓް ލިބުނު ފަރާތްތަކުގެ މަޢުލޫމާތު އަދި ޗެކްކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އަދި ދެމަފިރިން ހައުސިންގ ޔުނިޓަށް ހޮވިފައިވާނަމަ، ދެމަފިރިންނަށް ލިބޭނީ އެއް ހައުސިންގް ޔުނިޓްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފްލެޓަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ހައުސިންގ މިނިސްޓްރީގެ ވެބްސައިޓާއި މިނިސްޓްރީގެ ނޯޓިސްބޯޑާއި، އެ އަތޮޅެއްގެ އަތޮޅުކައުންސިލާއި، ރަށު ކައުންސިލްތަކުގައި ހުންނާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.