ޚަބަރު

އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން ހަރުދަނާކުރަނީ


މީހުން ދިރިއުޅޭ ގެތަކުގައި އިޔާދަކުރަނިވި ހަކަތަގެ ވަސީލަތްތައް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް އެކަން ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް މިހެން ވިދާޅުވީ ވަރކްޝޮޕް އޮން ޗެލެންޖެސް އިން ސްކޭލިންގ އަޕް ހޯމް ސޯލަރ ޕީވީ ސިސްޓަމްސް އިން މޯލްޑިވްސްގެ ނަމުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެއް ދުވަހުގެ މުއްދަތަށް ޝީ ބިލްޑިންގ ގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މާލީގޮތުންނާއި އިދާރީ ގޮތުން މީހުން ދިރި އުޅޭގެތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުމަށް ދިމާވާ ގޮންޖެހުންތަކާއި އެމައްސަލަތަށް ޙައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ. މިނިސްޓްރީ އޮފް އެންވަޔަރަމެންޓާއި ފެނަކައާއި ސްޓެލްކޯ ގެ އިތުރުން ކަމާ ގުޅުންހުރި ވުޒާރާތަކާއި އަމިއްލަ ކުންފުނިތަކުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ. މިބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މީހުން ދިރިއުޅޭ ގެތަކުގައި ސޯލަރ ޕެނަލް ހަރުކުރުމުގެ ސަބަބުން ބިލު ކުޑަވެގެންދާނެކަމަށެވެ.

2020 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތަ 6 މެގަ ވޯޓުން 20 މެގަ ވޯޓަށް އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.