ޚަބަރު

ލަންކާއަށް ފުރާ ކެޑޭޓުންނާ މިނިސްޓަރ ބައްދަލުކުރައްވައިފި


މި މަހުގެ ސޯޅައިން ތޭވީހަށް ސްރީލަންކާގެ ކޮލަމްބޯ އާއި ރަންތަންބޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހާރމަން ލޫޒް ޓްރޮފީ ޗެލެންޖް ކޭމްޕް 2017 ގައި ރާއްޖެއިން ބައިވެރިވާ ކެޑޭޓުންނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި، މި ކޭމްޕްގައި ބައިވެރިވާ ދިހަ ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިންނާ މިނިސްޓަރ ވަނީ ބައްދަލުކުރައްވާ ކޭމްޕާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. ފާއިތުވި 10 އަހަރު ރާއްޖޭއިން ބައިވެރިވެފައިވާ މި ކޭމްޕްގައި މިއަހަރު ބައިވެރިވަނީ ފަސް ފިރިހެން ދަރިވަރުންނާއި ފަސް އަންހެން ދަރިވަރުންނެވެ. އަދި މިދަރިވަރުންނާއެކު ނެޝަނަލް ކެޑޭޓް ކޯގެ ދެ އޮފިސަރުން ބައިވެރިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މި ކޭމްޕް ކުރިއަށް ދާ ދުވަސްތަކުގައި ކޭމްޕުގެ ބައިވެރިން ސްރީލަންކާގެ އިސްފަރާތްތަކާ ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

އަދި މިކޭމްޕްގެ ތެރެއިން ކެމްޕުގެ ބައިވެރިން ސްރީލަންކާގެ އަސްކަރިއްޔާގެ މަރުކަޒުތަކާއި ޔުނިވަސިޓީ އަދި އެހެނިހެން ބައެއް ތަންތަނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.