ވިޔަފާރި

ހަތަރު ވަނަ އިންވެސްޓްމަންޓް ފޯރަމް އިފްތިތާޙްކޮށްފި


ރާއްޖޭގެ ހަތަރު ވަނަ އިންވެސްޓްމަންޓް ފޯރަމް އިފްތިތާޙްކޮށްފިއެވެ. 

އިންވެސްޓްމަންޓް ފޯރަމް އިފްތިތާޙްކޮށްދެއްވީ ނެޝަނަލް އާރޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ އަށާރަ ވަނަ ދުވަހު ދުބާއީގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖެއަށް އިންވެސްޓަރުން ގެނައުމުގައި އިންވެސްޓްމަންޓް ފޯރަމް އަކީ ވަރަށް މުހިންމު ފޯރަމެއްކަމަށެވެ. މީގެކުރިން ބޭއްވި ފޯރަމްތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އައިސްފައިވާކަމަށާއި މިފަހަރުގެ ފޯރަމްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.  މިނިސްޓަރ ސައީދު ވިދާޅުވީ، ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި އިންވެސްޓްމަންޓްތަކަށް ޔަޤީންކަން އޮންނަ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށެވެ. 

މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމް ކުރިއަށްދާނީ ތިން ބަޔަކަށެވެ. އެއީ ރާއްޖެއާއި ދުބާއީގެ ވަޒީރުން ބައިވެރިވެވަޑައިގެން ބާއްވާ އިފްތިތާޙީ ސެޝަނާއި، ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާއި މަޝްވަރާކޮށް ވިޔަފާރިތައް ތަޢާރަފްކުރުމަށް ބާއްވާ ސެޝަނާއި ގާލާ ޑިނަރއެކެވެ. މިފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރުވަނީ ފުރުޞަތު ހުޅުވާލާފައެވެ. .އެންމެ ފުރަތަމަ މި ފޯރަމް ބާއްވާފައިވަނީ ސިންގަޕޫރުގައެވެ. އޭގެ ފަހުން ޗައިނާގެ ބެއިޖިންގއާއި އިންޑިއާއި ނިއުދިއްލީގައިވެސް މި ފޯރަމް ވަނީ ބާއްވާފައެވެ. މި ތިން ފޯރަމަކީވެސް ވަރަށް ކާމިޔާބު ފޯރަމްތަކެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.