ޚަބަރު

ސިފައިން އަދާކުރަނީ ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް!


ދިވެހި ސިފައިންނަކީ އަބަދުވެސް ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށާ، އިހުގެ ޖީލުތަކެކޭ އެއްގޮތަށް މިޖީލުގެ ސިފައިންވެސް ވަނީ އެނަމޫނާ ދައްކައިދީފައިކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވޭ ރޭ ކަޅުތުއްކަލާކޮށީގެ ހެވިކަމުގެ މައިދާނުގައި ސިފައިންނާ ބައްދަލުކުރެއްވުމަށް ބޭއްވި މިރަސްމިއްޔާތުގައެވެ. ސިފައިންގެ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރުވަނީ ފަހުގެ ތާރީޚުތަކުގައި ސިފައިން ކޮށްފައިވާ ޤައުމީ ބޮޑެތި ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަސްރަނި ބަގީޗާގެ މަސައްކަތުގައި ސިފައިން އަދާކުރި މުހިންމު ދައިރު ފާހަގަކުރައްވައި އެމަސައްކަތް އެހާ ކުރު މުއްދަތެއްގެ ތެރޭގައި، ސިފައިން ކޮށް ނިންމާލިކަން ފާހަގަކުރައްވާ ދިވެހިސިފައިންނަށްޓަކައި ފަޚުރުވެރިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/15077755355677.jpg|

މީގެ އިތުރުން ޑިފެންސް މިނިސްޓަރުވަނީ މިއަދުގެ ސަރުކާރުން ދިވެހިސިފައިންގެ ކަންކަން ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރާ ބައެއް މުހިންމު މަސައްކަތްތަކަށްވެސް ބައްލަވާލައްވާފައެވެ. އެގޮތުން ސިފައިންގެ ވެލްފެއަރ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. އޭގެތެރޭގައި ސިފްކޯ ހިޔާ ފްލެޓްގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. 

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަޢަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.