ކުޅިވަރު

ކުޑަހުވަދޫ ދަނޑުން ފޭބުމުން ހުރިހާ ކްލަބަކަށް ޢާންމު އިންޒާރެއް


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި މިލަންދޫއާ ވާދަކުރި މެޗު ފުރިހަމަ ނުކޮށް ކުޑަހުވަދޫ ދަނޑުން ފޭބުމުން ހުރިހާ ކްލަބަކަށް ޢާންމު އިންޒާރެއްދޭން އެފްއޭއެމްއިން ނިންމައިފިއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު މިލަންދޫއާއި ވާދަކުރި މެޗުގެ 76 ވަނަ މިނިޓްގައި ކުޑަހުވަދޫ ކުޅުންތެރިން ދަނޑުން ފޭބީ ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހި ކޯޗު މުޙައްމަދު ޝިޔާޒުގެ އެންގުމަށްކަން އެފްއޭއެމްއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ކޯޗު މޯހަންގެ އެންގުމަށް ކުޑަހުވަދޫ ކުޅުންތެރިން ދަނޑުން ފޭބީ މިލަންދޫގެ ދެވަނަ ލަނޑާއެކުވެ. އެފްއޭއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ މެޗު ކުރިއަށްގެންދަން ތަކުރާރުކޮށް އެންގުމުންވެސް ކުޑަހުވަދޫން މެޗު ފިރުހަމަކުރަން ދެކޮޅު ހަދާފައިވާކަމަށެވެ. އެކަމުގެ އަދަބެއްގެ ގޮތުން 25،000 ރުފިޔާއިން ކުޑަހުވަދޫ ވަނީ ޖޫރިމަނާކޮށްފައެވެ. ޑިސިޕްލިނަރީ ކޮމިޓީން އިތުރަށް ނިންމާފައިވަނީ އެފަދަ އަމަލުތައް ތަކުރާރުކޮށް ކްލަބްތަކުން މެޗު ފުރިހަމަ ނުކުރާނަމަ އެންމެ ހަރުކަށި އަދަބު ދިނުމަށެވެ. އެގޮތުން އެޓީމެއް މުބާރާތުން ވަކިކުރުމަށް ވިސްނާނެކަމުގެ އިންޒާރު ދިނުމަށްވެސް ވަނީ ނިންމާފައެވެ. 

ކުޑަހުވަދޫއަށް އަދަބުދީ ހުރިހާ ކްލަބަކަށް ޢާންމު އިންޒާރެއްދޭން އެފްއޭއެމްއިން ނިންމާފައި މިވަނީ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާއާއި ވާދަކުރި މެޗު ފުރިހަމަ ކުރަން ގްރީން ސްޓްރީޓުންވެސް ދެކޮޅު ހެދުމުން އެކްލަބްވެސް 25،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވަނިކޮށެވެ.