ޚަބަރު

މައުމޫން ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގެ ބަންދުން ގޭ ބަންދަށް ބަދަލުކުރުނުން ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން ޢަބްދުލް ގައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ. 

ރައީސް މައުމޫން ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައި ޓްވިޓް ކުރައްވާފައެވެ. އެޓްވީޓުގައި ވިދާޅުވެފައިވަނީ ފާރިސް ވަގުތީގޮތުން ގޭ ބަންދަށް ބަދަލުކޮށްދެއްވީތީ ރައީސް ޔާމީނަށް ޝުކުރު އަދާ ކުރައްވާކަމަށެވެ. 

tw:https://twitter.com/maumoonagayoom/status/918107908381933568

ރައީސް މައުމޫން މިއަދު ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފައިވައިރު، ހޯމަދުވަހުގެރޭ އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނުވެސް ވަނީ މައުމޫނަށް ތައުރީފުކުރައްވައި ވާހަކަފުޅުދައްކަވާފައި އަދި އެމަނިކުފާނުގެ ވެރިކަމުގައި ޤައުމު ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަކީ ނަމޫނާ މަސައްކަތްތަކެއްގެގޮތުގައި ސިފަކުރައްވާފައެވެ. 

މިއީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ބޭބޭފުޅާ ދެބޭފުޅުންގެ ދެމެދުގައި ޚިޔާލުތަފާތުވެ ސިޔާސީގޮތުން ވަކިން މަސައްކަތްކުރައްވަން ފެށްޓެވިފަހުން އެއްބޭފުޅަކު އަނެއް ބޭފުޅަކާމެދު މިމޭރުމުން ވާހަކަދެއްކެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.