މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި، މީހުން އާބާދުވިތާ 50 އަހަރު ފުރުން، ކުލަގަދަކޮށް ފާހަގަކުރުމަށް ފުނަދޫ ދާއިރާގެ މެންބަރާއި، ފުނަދޫ ކައުންސިލުން ޕީ.އެސް.އެމްގެ އިސްވެރިންނާ މަޝްވަރާކޮށްފިއެވެ.
ށ.އަތޮޅުގެ ވެރިކަން ކުރާ ރަށް ފުނަދޫގައި މީހުން އާބާދުވެފައިވަނީ، ޅައިމަގުގައި ހިންގަމުން އައި އަތޮޅު އޮފީސް، ބަދަލުކުރެވުނު ތާރީޚް ކަމުގައިވާ 1968 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު. ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމާއި، ފުނަދޫ ކައުންސިލްގެ މެންބަރުން، ޕީ.އެސް.އެމްގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާގައި، މިކަން ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތަފްސީލް ހިއްސާކުރެއްވިއެވެ. އަދި މި ހަރަކާތްތައް ޕީ.އެސް.އެމްގެ ޗެނަލްތަކުން ދެއްކުމާއި، މިކަމާ ގުޅޭ ކަވަރޭޖް ޕީ.އެސް.އެމް މެދުވެރިކޮށް މުޅި ރާއްޖެއަށް ދެއްކުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
ފުނަދޫ އާބާދީ ފަންސާހާ ގުޅޭގޮތުން، ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލް ލަތީފް ވިދާޅުވީ، މިހާރުވެސް ގދ.އަތޮޅު ތިނަދޫގައި އާބާދީ ފަންސާހާއި ގުޅޭ ގިނަ ކަންތައްތަކެއް ކުރިއަށްދާއިރު، އެކަންކަންވެސް ރާއްޖޭގެ ރައްޔިތުންނަށް ދެއްކުމަށް ޕީ.އެސް.އެމުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުން ށ.ފުނަދޫ ފަދަ އެއްފަސްކުރުމާއި، ތަރައްޤީގެ ނަމޫނާ ރަށަކަށް އަންނަ މިފަދަ ޢީދެއްގައި ބައިވެރިވެ، ވީހާވެސް ކުލަގަދަކޮށް ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ޕީ.އެސް.އެމުން ވަރަށް ބޮޑު އެއްބާރުލުމެއް ދޭނެ ކަމަށެވެ.
ފުނަދޫ ކައުންސިލްގެ ރައީސް، އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މުޅި އަހަރަށް ބަހާލައިގެން ފުނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފުރުމުގެ ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
1968 ވަނަ އަހަރުން ފެށިގެން އެރަށުގައި ށ.އަތޮޅު އޮފީސް ހިންގި ނަމަވެސް، ރަސްމީކޮށް ފުނަދޫއަށް މީހުން ބަދަލުކޮށްފައިވަނީ 1970 ވަނަ އަހަރުއެވެ. އެގޮތުން އެރަށުގައި އެންމެ ފުރަތަމަ ދިރިއުޅެންފެށީ ނ.އަތޮޅު ބޮމަސްދޫން ހިޖުރަކުރި 180 މީހުން. އެއަށްފަހު 2004 ވަނަ އަހަރު ށ.ފިރުބައިދޫ މީހުން ބަދަލުކޮށްފައިވެއެވެ. އަދި އޭގެ ފަހުން ށ.މާކަނޑޫދޫއން ބަދަލުވި ޢާއިލާތަކާއި، ނޫމަރާ، ޅައިމަގު، މާއުނގޫދޫ، އަދި ކޮމަންޑޫގެ ޢާއިލާތައް ފުނަދުއަށް ހިޖުރަކޮށްފައިވެއެވެ. މިއަދު ފުނަދޫއަކީ 2700 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ، އާބާދީއާއި ތަރައްޤީ އެއްފަސް ކުރުމުގެ ނަމޫނާ ރަށެކެވެ.