ކުޅިވަރު

ފްރާންސާއި ޕޯޗުގަލް ވޯލްޑް ކަޕަށް


ފްރާންސާއި ޕޯޗުގަލް ވޯލްޑް ކަޕަށް ކޮލިފައިވެ، ސްވިޑްން އާއި ސްވިޒަލޭންޑަށް ޕްލޭއޯފް ކުޅެން ޖެހިއްޖެއެވެ.

ޔޫރަޕުގެ ކޮލިފައިންގެ ފަހު މެޗުތަކުގައި ރޭ ޕޯޗުގަލް މޮޅުވީ ސްވިޒަލޭންޑް އަތުން 2-0 ނެވެ. މި މޮޅާއެކު ޕޯޗުގަލް އަށް ގްރޫޕުގެ ކުރި ލިބުނީ ގޯލުގެ ތަފާތުން ސްވިޒަލޭންޑަށްވުރެ ކުރި ލިބުމުންނެވެ. ދެ ގައުމަށް ވެސް ލިބިފައިވަނީ 27 ޕޮއިންޓެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެޗަށް ފަހު ބުނީ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ މުޅި ޤައުމަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައި ވޯލްޑް ކަޕާ ކުރިމަތިލާނީ ކާމިޔާބު ހޯދުމުގެ އަޒުމުގައި ކަމަށެވެ.

ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވީ ބިލާރުސް އަތުން 2-1 ން މޮޅުވެގެންނެވެ. މި ނަތީޖާއާއެކު ގްރޫޕުގެ ކުރި ފްރާންސަށް ލިބުނުއިރު މި ގްރޫޕުން ދެ ވަނަ އަށް ދިޔައީ ސްވިޑްންއެވެ. އެ ޤައުމު ރޭ ބަލިވީ ނެދަލޭންޑް އަތުން 2-0 ނެވެ. ނަމަވެސް ގޯލުގެ ތަފާތުން ސްވިޑްން ކޮލިފައިވިއިރު މިއީ ޖެހިޖެހިގެން ނެދަލޭންޑްސް ވޯލްޑް ކަޕަށް ކޮލިފައިނުވި ދެ ވަނަ ފަހަރެވެ.