ކުޅިވަރު

މެސީގެ ހެޓްރިކުން އާޖެންޓީނާ ކޮލިފައިވެ، ޗިލީ ކަޓައިފި


ލަޔޮނަލް މެސީ އިކުއެޑޯ ކޮޅަށް ޖެހި ހެޓްރިކުން މޮޅުވެ އާޖެންޓީނާ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކުރިއިރު ބްރެޒިލް އަތުން ބަލިވެ، ޗިލީ ވޯލްޑް ކަޕުން ކަޓައިފިއެވެ. މެޗު އާޖެންޓީނާ ކާމިޔާބުކުރީ 3-1 ނެވެ.

މި މެޗަށް ނުކުތް އިރު ކޮލިފައިވުމުގެ އަމިއްލަ ބާރު އާޖެންޓީނާ އަށް އޮތީ ގެއްލިފައެވެ. އަދި 1970ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ބިރު ހީވެ، ނޭވާ ހޮޅިއަށް އެޅިފައި އޮތުމުން އާޖެންޓީނާ މެޗު ފެށީ ވެސް ވަރަށް ބޮޑަށް އެޓޭކަށް ސަމާލުކަން ދީގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ އެންޖެން ޑިމާރިއާ ތަންވަސްކޮށްދިން ފުރުސަތެއްގައި 12 ވަނަ މިނިޓްގައެވެ. އޭގެ ފަހުން އޭނާ ޖެހި ދެ ގޯލައެކު މެސީ ވެފައިވަނީ ކޮލިފައިންގައި ދެކުނު އެމެރިކާއިން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗުގައި ހެދި ހެޓްރިކަކީ އޭނާގެ ކެރިއަރުގެ 44 ވަނަ ހެޓްރިކެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން މެޗުތައް ރޭ ނިމިގެންދިޔައިރު އާޖެންޓީނާ އަށް ތިން ވަނަ ލިބި، ޗިލީ ކެޓީ ކޮލިފައިންގެ ހަ ވަނަ އަށް ދިއުމުންނެވެ. ބްރެޒިލް އަތުން 3-0 ން ޗިލީ ބަލިވި މެޗުގައި ލަނޑު ޖަހައިދިނީ ގަބްރިއަލް ޖެސޫސް އާއި ޕައުލީނިއޯއެވެ.

ދެކުނު އެމެރިކާއިން ކޮލިފައިވި ހަތަރު ޓީމުގެ ތެރެއިން އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވީ ބްރެޒިލްއެވެ. ދެ ވަނަ އުރުގުއޭ އަށް ލިބުނުއިރު ތިން ވަނަ އާޖެންޓީނާ އަށް އަދި ހަތަރު ވަނަ ލިބުނީ ކޮލަމްބިއާ އަށެވެ. ފަސް ވަނަ ޓީމުގެ ގޮތުގައ ޕްލޭއޯފް ކުޅެން ޖެހުނީ ޕެރޫ އަށެވެ. އެއީ ރޭ ކުޅުނު ފަހު މެޗުގައި ކޮލަމްބިއާއާ ވާދަކޮށް 1-1 ން އެއްވަރުވުމުންނެވެ.