ކުޅިވަރު

ރާއްޖެ ކުރީ މެޗަށް ވުރެ ރަނގަޅަށް ކުޅުނު: އޮމާން ކޯޗު


އޭޝިއަން ކަޕް ކޮލިފައިންގައި ރޭ އޮމާން އަތުން 3-1 ން ބަލިވި ނަމަވެސް ޤައުމުން ބޭރުގައި ކުޅުނު މެޗަށްވުރެ ރަނގަޅަށް ރޭ ރާއްޖެ ކުޅެފައިވާ ކަމަށް އޮމާން ކޯޗު ޕިމް ވާބީކް ބުނެފިއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ނެދަލޭންޑްސްގެ ކޯޗު ބުނީ އޮމާނުގައި ކުޅެ 5-0 ން ރާއްޖެ ބަލިވި މެޗާ އަޅާބަލާއިރު ރޭ ދިވެހި ޓީމުން ދެއްކި ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ. އެ ގޮތުން މެޗުގައި ރާއްޖެއިން ރަނގަޅު ހަމާލަތަކެއް އުފެއްދި ކަމަށާއި، އޭނާގެ ޓީމުގެ ގިނަ ހަމަލާތަކެއް ވެސް ހުއްޓުވާފައިވާކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.

އޭނާ ބުނީ މެޗުގައި ގޯލު ޖަހަން ވެސް ބޭނުންވި ކަމަށާއި، ނަމަވެސް ދިވެހި ދަނޑުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނުނީ ހިތްވަރުގަދަ ކުޅުމެއް ކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ކުޅުންތެރިން ހަލުވިވެފައި ކައުންޓަ އެޓޭކްގައި ރަނގަޅަށް ކުޅުނުކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.

މި މެޗުގައި ރާއްޖެ ކޮޅަށް ފުރަތަމަ ދެ ގޯލު އޮމާނުން ޖެހީ މެޗުގެ ފުރަތަމަ 22 މިނިޓް ތެރޭގައެވެ. ހާދިލް އަލް ހަޖްރީ 19 ވަނަ މިނިޓްގައި ޖެހި ގޯލަށް ފަހު ފޫވެއްޓިފައި އޮތް ރާއްޖޭގެ ފަހަތުން ހެދި ގޯސްތަކާއެކު ދެ ވަނަ ގޯލު އޮމާނަށް ޖަހައިދިނީ ޖަމީލް އަލް ޔަހްމާނީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލީ ފާސިރު (ސެންޓޭ) ލީޑް ހަނިކޮށްދިން ނަމަވެސް އޮމާނުން ވަނީ ފަހު ހާފުގައި ގިނަ ފުރުސަތު ތަކެއް ހޯދާ ތިން ވަނަ ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ. ފަހު ލަނޑު ޖެހީ އަހުމަދު އަލް މަހާޖިރީއެވެ.

މި ނަތީޖާއާއެކު ރާއްޖެ އަށް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ދޮރު ވަނީ ބަންދުވެފައެވެ. ބޫޓާން 10-0 ން ބަލިކޮށް ފަލަސްތީން 12 ޕޮއިންޓާއެކު ޓޭބަލުގެ ކުރީގައި އޮތްއިރު ދެ ވަނާގައި އޮމާން އޮތީ 9 ޕޮއިންޓާއެކުއެވެ. ރާއްޖެ އަށް ލިބިފައިވަނީ ގްރޫޕުގެ ފުލުގައި އޮތް ބޫޓާން ބަލިކޮށް ލިބުނު ތިން ޕޮއިންޓެވެ.