ކުޅިވަރު

މައްސަލަ އަކީ ފިޓްނަސްކަމަށް ބުނެ ކޯޗު ޝަކުވާ އޮއްސާލައިފި


އޮމާން އަތުން 3-1 ން ބަލިވެ، އޭޝިއަން ކަޕުން ރޭ ރާއްޖެ ކެޓި މެޗަށް ފަހު ޓީމުގެ މައްސަލައަކީ ފިޓްނަސް ދަށްވުން ކަމަށްބުނެ ޤައުމީ ކޯޗު ޑަރެން ސްޓެވާޓް ޝަކުވާ އޮއްސާލައިފިއެވެ.

އޮސްޓްރޭލިޔާގެ ކޯޗު ބުނީ ޓީމުގެ ހުރިހާ ކަމަކަށް ވެސް އޭނާ ޒިންމާ ނަގަން ބޭނުންވާ ކަމަށާއި، ނަމަވެސް މިފަދަ މުހިންމު މެޗަކަށް ނުކުންނައިރު އޭނާ އަށް ކުރަންޖެހޭ ކަމަކީ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކުރުން ކަމަށެވެ. މިއީ ޤައުމީ ޓީމު ކުޅެން ޖެހޭ މުހިންމު މެޗަކަށް ނުކުންނައިރު ކުރަންޖެހޭ ވަރަށް އަސާސީ މަސައްކަތެއް ކަމަށާއި، މޮޅުވެވޭނީ ފިޓްނަސްފަދަ ކަންކަމަށް ޤައުމީ ޓީމުގެ ކުޅުންތެރިން މަސައްކަތްކުރަން ހުއްޓާލަންޖެހޭ ދުވަހަކުން ކަމަށެވެ.

ކޯޗު ބުނީ ޤައުމީ ޓީމުގައި ތިބި ކުޅުންތެރިންނަކީ މީގެ ކުރިން އޭޝިއަން ކަޕް ކަހަލަ ބޮޑު މުބާރާތަކަށް ކޮލިފައިވުން ފަދަ ކަމެއް ތަޖުރިބާކޮށްފައިނެތް ކުޅުންތެރިން ކަމަށާއި، މިއީ ވެސް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ބަލިވުމުން އޭނާ ފުރިހަމަ ޒިންމާ އަދާ ކުރާ ކަމަށާއި، އެހެން ނަމަވެސް މިތަޖުރިބާގެ ބޭނުން ރާއްޖެ ރަނގަޅު ގޮތުގައި ހިފަންޖެހޭ ކަމަށެވެ.

މެޗަށް ފަހު ވަރަށް ބޮޑަށް މަޔޫސްވެފައިހުރި ކޯޗު ބުނީ ކުޅުންތެރިން ރޭ ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އޮމާން އަތުން 5-0 ން ބަލިވި މެޗާ އަޅާ ބަލާއިރު ރޭ ރަނގަޅު ކުޅުމެއް ދައްކާ ގޯލު ޖަހަން ވެސް ފުރުސަތު ލިބުނު ކަމަށާއި، މިހެންވެ މެޗު ޕާފޯމަންސަށް އޭނާ އުފާކުރާ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/15076949431448.JPG|ކޯޗު ސްޓެވާޓް، ކޯޗިންގ ޓީމާއެކު. މައްސަލައަކީ ފިޓްނަސްކަމަށް ބުނި: ފޮޓޯ-ޕީއެސްއެމް

"އަހަރެން މަަސައްކަތް ކުރަންޖެހެނީ ފިޓްނަސް އަށް. ޓީމުގެ އެންމެ ބޮޑު މައްސަލައަކީ ފިޓްނަސް ރަނގަޅުނުވުން. އެކަންކަން ރަނގަޅުކޮށްފައި އިތުރު ކަމެއް ކުރާކަށް ވަގުތެއް ނުލިބޭ. މިއީ ވަރަށް ބޮޑު މައްސަލައެއް. ރާއްޖެ އަށް މިއީ ވަރަށް ތަފާތު ތަޖުރިބާއެއް. މިފަދަ ތަޖުރިބާ މީގެ ކުރިން ކޮށްފައިނެތުމަކީ ވެސް މައްސަލައެއް. މިތަޖުރިބާގެ ބޭނުން ރަނގަޅުގޮތުގައި ނުހިފާނަމަ އެއީވެސް ކުރިއަށްއޮތްތަނުގައި ކުރިމަތިވާނެ އިތުރު މައްސަލައެއް،" ކޯޗު ބުންޏެވެ.

"އަހަރެންގެ ކުޅުންތެރިންނާމެދު ފަހުރުވެރިވަން. މި މެޗުގައި ކުރީ މެޗަށްވުރެ ރަނގަޅަށް ކުޅުނު. އަދި ފުރުސަތު ވެސް ހޯދި. އެހެންވީމާ އެކަމާމެދު އަހަރެން ހިތްހަމަޖެހޭ. އެކަމަކު މިފަދަ ތަޖުރިބާގެ ބޭނުން ރަނގަޅު ގޮތުގައ ހިފަންޖެހޭ. މީގެ ކުރިން މިފަދަ ބޮޑު މުބާރާތެއްގެ ތަޖުރިބާ ދިވެހި ކުޅުންތެރިން ކޮށްފައިނެތުމަކީ މައްސަލައެއް،" ކޯޗު އިތުރަށް ބުންޏެވެ.