އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް އެ ސިޓީއަށް 2 ޖަނަރޭޓަރެއް ގެންގޮސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަރަންޓްގެ ހިދުމަތް ދޭން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރަޝޭނުން ބުނީ އައްޑޫ ސިޓީއަށް ގެންދާ ޖަނެރޭޓަރުތައް ބުރާސްފަތި ދުވަހު އެ ސިޓީއަށް ގެންދެވޭނެކަމަށެވެ.
އައްޑޫ ސިޓީން ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވާން ފެށީ މިދިޔަމަހުގެ ތިރީސްވަނަ ދުވަހުން ފެށިގެނެވެ. ފެނަކައިން ބުނީ އައްޑޫ ސިޓީން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަނީ އެއަތޮޅު ގުޅިފައިވާ ރަށްތަކުގައި ބޭނުންކުރަމުންދިޔަ އެގާރަ ޖަނަރޭޓަރުގެ ތެރެއިން ހަތަރު ޖަނަރޭޓަރަކަށް ދިމާވި އެކި ކަހަލަ މައްސަލަތަކާއި ގުޅިގެންކަމަށެވެ. އަދި އެތަނުން އެއް ޖަނެރޭޓަރ އެއްކޮށް ހަލާކުވެފައިވާއިރު ދެ ޖަނަރޭޓަރަކަށް ބޭނުންވާ ސްޕެއަރ ލިބުމުގައި ދަތިތައް ކުރިމަތުވެފައިވާކަމަށްވެސް ފެނަކައިން ބުނެއެވެ. އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އައްޑޫ ސިޓީއަށް އެއް މެގަވޯޓާއި އެކެއް ޕޮއިންޓް ދޭ މެގަވޯޓްގެ ޖަނަރޭޓަރެއް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކައިން ބުނެއެވެ.
ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރ ހުސައިން ހަމީޒް ވިދާޅުވީ ކަރަންޓު ނުދެވި ލަސްވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން އައްޑޫއަށް ގެންދާ ޖަނަރޭޓަރުތައް ފޮނުވުމުގައި ދިމާވި ދަތިތަކާއި ހުރެކަމަށެވެ. އެގޮތުން ޖަނަރޭޓަރުތައް ހިފައިގެންދާ އުޅަނދު ލ.މާބައިދޫގައި މަޑުކުރުމަށްފަހު މިހާރު އައްޑޫއަށް ފުރާފައިވާކަމަށެވެ.
"2.4 މެގަވޯޓުގެ ދެ ޖަނަރޭޓަރު މިހާރުވަނީ އެ ބްރާންޗަށް ގެންގޮސްފައި. މި ޖަނަރޭޓަރުތައް އިންސްޓޯލް ކުރުމަށް މިހާރުވަނީ ޕަވަރ ހައުސް ބޮޑުކުރުމުގެ މަސައްކަތް ނިމިފައި. އަދި މި ޖަނަރޭޓަރ އިންސްޓޯލްކުރަންޖެހޭ ސީވޯޓަރ ކޫލިންގ ސިސްޓަމްގެ 50 ޕަސަންޓް މަސައްކަތް ވަނީ ނިމިފައި. މި މަސައްކަތްތައް ނިންމައި ޑިސެންބަރުމަހު ޙިދުމަތް ދިނުމަށް މި މަސައްކަތްކުރަނީ" ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރ ހުސައިން ހަމީޒް ވިދާޅުވިއެވެ
ކަރަންޓުގެ މައްސަލަ ހައްލު ކުރެވެންދެން ފެނަކައިން ގެންދަނީ ކަރަންޓްގެ ލޯޑު ކުޑަކުރުމަށްޓަކައި ގަޑިއަކުން ގަޑިއަކުން އައްޑޫ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުންނެވެ. ފެނަކައިން ބުނީ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދަނީ ހުރިހާ ރައްޔިތުންނަށް ނޯޓިސް ފޮނުވުމަށް ފަހުކަމަށެވެ. އައްޑޫ ސިޓީ ހިތަދޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި އެގާރަހާސް ހަތަރު ސަތޭކަ ކިލޯވޮޓްގެ ޖެނެރޭޝަން ކެޕޭސިޓީ ޤާއިމުކުރެވިފައިވެއެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ހަ ހާސް ފައްސަތޭކަ ކިލޯވޮޓް ބޭނުންވާއިރު މިހާރު ޤާއިމުކޮށްފައިވާ ޑީސަލް ޖަނަރޭޓަރުން ހަތްހާސް ތިންސަތޭކަ ކިލޯވޮޓްގެ ކަރަންޓު އުފައްދާދެއެވެ.