ކުޅިވަރު

ވޭލްސް ކަޓައި ސާބިއާ ވޯލްޑްކަޕަށް


ވޭލްސް ކަޓައި ސާބިއާ 2018ގެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެއެވެ. 

އަމިއްލަ ދަނޑުގައި ރޭ ވޭލްސް މުބާރާތަށް ނުހޮވުނީ އަޔަލޭންޑް އަތުން 1-0 އިން ބަލިވެ، ޕްލޭއޯފް ޖާގަ ގެއްލުމުންނެވެ.

އަޔަލެންޑް އަތުން ބަލިވެ ވޭލްސް ކެޓި ނަމަވެސް މަގާމުން އިސްތިއުފާދޭން މިވަގުތު ނުވިސްނާ ކަމަށް ކޯޗު ކްރިސް ކޯލްމަން ބުނެފިއެވެ.

ނަމަވެސް ކޯޗު ކޯލްމަން ބުނީ މިއީ ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި އަމިއްލަ ދަނޑުގައި ވޭލްސް ބަލިވި ފުރަތަމަ މެޗު ކަމަށެވެ. މިހެންވެ އޭނާ މަގާމުން ވަކިވުމާމެދު ގޮތެއް ނިންމާނީ ކުޅުންތެރިންނާއި ފެޑަރޭޝަނާއެކު މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

2016 ވަނަ އަހަރުގެ ޔޫރޯ އަށް ވޭލްސް ކޮލިފައިކޮށްދިން ކޯޗު ބުނީ ގެރެތް ބޭލްނެތި ކުޅެން ޖެހުނުއިރު ވޭލްސްގެ ކުޅުންތެރިން މެޗު ކާމިޔާބު ކުރުމަށް ހުރިހާ ގޮތަކުން ވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޮލިފަައިންގެ ފަހު ހަތަރު މެޗުން މޮޅުވާން މަޖުބޫރިުވިއިރު އޭގެ ތެރެެއިން ތިން މެޗު ކާމިޔާބު ކުރެވުމުން ކުޅުންތެރިންނާމެދު ފަހުރުވެރިވާ ކަމަށެވެ.

ކޯލްމަން ވަނީ އަޔަލޭންޑްގެ ކޯޗު މާޓިން އޯނީލަށް މަރުހަބާ ކިޔާފައެވެ. އޭނާ ބުނީ އަޔަލޭންޑަކީ ކުރިން ލީޑް ލިބިއްޖެނަމަ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށެވެ. އަދި އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް އޯނީލް އަޔަލޭންޑް ގެންގޮސްދޭނެ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށް ވެސް ކޯލްމަން ވަނީ ބުނެފައެވެ. 

ވޭލްސް އާއި އަޔަލޭންޑް ހިމެނުނު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ވޯލްޑް ކަޕަށް ކޮލިފައިވީ ސާބިއާއެވެ. ސާބިއާވަނީ ރޭ ޖޯޖިއާ އާއި ވާދަކުރި މެޗު އެކެއް ސުމަކުން ކާމިޔާބުކޮށްފައެވެ. މެޗުގައި ސާބިއާގެ ލަނޑު ޖަހައިދިނީ ޕްރިޚޮވިޗެވެ.