ކުޅިވަރު

އާޖެންޓީނާގެ ކުޅުންތެރިން ތިބީ ރުޅިގަދަވެފައި - ކޯޗު


އަމިއްލަ ބާރު ނެތުމުން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށާއި އިކުއެޑޯ ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕޯލީ ބުނެފިއެވެ.

މިރޭ ފަތިހު ކުޅޭ މެޗުން އާޖެންޓީނާ މޮޅުނުވެއްޖެނަމަ 1970 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އެޤައުމު ވޯލްޑް ކަޕުން ކަޓާނެއެވެ. މިއީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލަޔޮނަލް މެސީ އަށް ވޯލްޑް ކަޕުން ފުރުސަތު ނުލިބިދާނެ ސަބަބު ވެސްމެއެވެ.

މި މެޗުން މޮޅުވި ނަމަވެސް އާޖެންޓީނާ އަށް ވޯލްޑް ކަޕުން ސީދާ ޖާގައެއް ނުލިބިދާނެއެވެ. އެކަން ބިނާވާނީ ޗިލީ އާއި ކޮލަމްބިއާ އަދި ޕެރޫ ނެރޭ ނަތީޖާތަކުގެ މައްޗަށެވެ. މީގެ ތެރެއިން ޗިލީ އާއި ކޮލަމްބިއާ އަށް 26 ޕޮއިންޓް ލިބިފައިވާއިރު ފަސް ވަނާގައި ޕެރޫ އޮތީ 25 ޕޮއިންޓާއެކުއެވެ. މި އަދަދަށް އާޖެންޓީނާ އަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ގޯލުގެ ތަފާތުން އެމީހުން އޮތީ ހަ ވަނާގައެވެ.

ކޯޖް ޖޯޖް ސަމްޕޯލީ ބުނީ ޕެރޫ އަތުން މޮޅުނުވެވި ޓޭބަލުގެ ހަ ވަނަ އަށް ވެއްޓުނު ނަމަވެސް އެ މެޗުގައި ދެއްކި ކުޅުން ތަކުރާރުކޮށްފިނަމަ މިރޭގެ މެޗު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިން ތިބީ މިހާތަނަށް ނެރުނު ނަތީޖާތަކުން ވަރަށް ބޮޑަށްރުޅި އައިސްފައި ކަމަށާއި ކުޅުންތެރިން ގަބޫލު ކުރަނީ މި މެޗު ކާމިޔާބުކޮށްގެން ކޮލިފައިވެވޭނެ ކަމަށް ވެސް ކޯޗު ވަނީ ބުނެފައެވެ. އޭނާ ބުނީ މެޗަށް ނުކުންނަނީ މޮޅުވުމުގެ ވަރަށް ވަރުގަދަ އަޒުމަކާއެކުގައި ކަމަށެވެ.

ނަމަވެސް އިކުއެޑޯ އަތުން އާޖެންޓީނާ އެންމެ ފަހުން މޮޅުވީ 2001 ގައެވެ.