ޚަބަރު

"ކުރީ ސަރުކާރުން ކަންކުރި ގޮތުން ފެނުގެ އަގު ކުޑަކުރަން ދަތި"


ރައްޔިތުންނަށްދޭ ފެނުގެ ޚިދުމަތުގެ އަގު ކުޑަ ނުކުރެވިގެންއުޅެނީ އެމް.ޑީ.ޕީގެ ވެރިކަމުގައި ފެންކުންފުނީގެ ޙިއްސާ ނުއަގުގައި ބޭރުގެ ބަޔަކަށް ވިއްކުމައް ހަދާފައިވާ ކޮންޓްރެކްޓް ސަބަބުންކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެމް.ޑަބްލިއު.އެސް.ސީން މާލޭގައި އަލަށް ޤާއިމުކުރި ފެން ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އެމް.ޑަބްލިއު.އެސް.ސީގެ %20 ހިއްސާ އެމް.ޑީ.ޕީގެ ސަރުކާރުން ބޭރުގެ ކުންފުންޏަކަށް ވިއްކާލީ ނުއަގުގައިކަމަށާއި، 16 މިލިޔަން ޑޮލަރަށް އެކުންފުނީގެ ޙިއްސާ ވިއްކާލާފައިވަނީ 25 މިލިޔަނަ ޑޮލަރަށް އެޙިއްސާ ވިކެން އޮއްވައިކަމަށެވެ.

ނުއަގުގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހިއްސާ ވިއްކާލީ ކުންފުނީގެ ދިވެހި ޙިއްސާދާރަކު %20 ހިއްސާ ގަންނަށް ހުށަހަޅާފައި އޮއްވައިކަމަށްވެސް މިނިސްޓަރ ޒަމީރުވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އެމް.ޑަބްލިއު.އެސް.ސީއަށް އާމްދަނީ ލިބެނީ ދިވެހި ފައިސާއިން ކަމަށްވާއިރު، އޭރު ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް އޮތްކަމަށާއި، ބޭރުގެ ބަޔަކަށް ކުންފުނީގެ ހިއްސާ ވިއްކާލާފައިވަނީ އެކަމަށްވެސް އެވެސްވަރަކަށް ބެލުމެއް ނެތިކަމަށެވެ.

ޓޫރިޒަމް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، ރައީސް ޔާމީންގެ ސަރުކާރުން ފެނުގެ އަގު ކުޑަކުރަން މަސައްކަތްކުރިނަމަވެސް އެމް.ޑީޕީގެ ސަރުކާރުން ފެންކުންފުނީގެ ހިއްސާ ނުއަގުގައި ވިއްކިއިރު ހަދާފައިވާ ކޮންޓްރެކްޓްގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެމީހުންނާއި ނުލައި ކުންފުނީގެ ބޯޑު މީޓިންގ އެއްވެސް ނުބޭއްވޭކަމަށާއި، ހިއްސާ ރިކޯލް ކުރެވޭނެ ގޮތެއްވެސް ކޮންޓްރެކްޓް ހަދާފައިވާ ގޮތުން ނެތްކަމަށެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމުގައި ކުރީގެ ސަރުކާރުތަކުން ޢަމަލުކޮށްފައިވާ ސިޔާސަތުގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިވަމުންދާކަމަށާއި، ނަމަވެސް މިއަދުގެ ސަރުކާރުން އެފަދަ މަސައްކަތްތައް ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާކުރާނެ ގޮތަކަށް ބަލައި ތަފާތު ދިރާސާތައް ހެއްދެވުމަށްފަހުކަމަށެވެ.