ޚަބަރު

އެސްއެސްސީ އިމްތިޚާނުގެ ކަރުދާސްތައް ލީކެއް ނުވޭ- އެޑިއުކޭޝަން


މިއަހަރުގެ އެސް.އެސް.ސީ އިމްތިޙާނުގެ ސުވާލު ކަރުދާސް ލީކުވިކަމަށާއި އަލުން އިމްތިޚާން ބާއްވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއްކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ނޫސްވެރިންނަށް މަޢުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ ރާއްޖޭގައި ބާއްވާ ތަފާތު އިމްތިޙާންތަކަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ކަމަށް ޤާބިލް ބޭފުޅުންގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއްކަމަށެވެ. 

އިމްތިޙާންތަކާއި ގުޅިގެން ފެތުރެމުންދާ ވާހަކަތަކުގެ ސަބަބުން ޒިންމާދާރުކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ މުދައްރިސުންގެ މަސައްކަތުގެ ތަޞައްވުރު ގެއްލޭގޮތަށް ފަތުރަމުންދާ ވާހަކަތައް އޭނާ ވަނީ ކުށްވެރިކުރައްވާފައެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑީޕީއީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބް ވިދާޅުވީ ޑީޕީއީއިން ބާއްވާ ކޮންމެ އިމްތިޙާނެއްގައި ދަރިވަރުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކޮށްދޭނެ ކަމަށާއި އިމްތިޙާންތަކުގެ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް ޢަމަލުކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނަކީ ރާއްޖޭގައި 1986 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އިމްތިޙާނެކެވެ. މި އިމްތިޙާން ބާއްވަމުން އަންނަނީ ބައިނަލްއަޤުވާމީ އެހެންނިހެން އިމްތިޙާންތައް ރާވާ ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ފަންނީ އިރުޝާދުގެ ދަށުންކަމަށް އެޑިއުކޭޝަން މިނިސްޓަރީން ބުނެއެވެ.