ކުޅިވަރު

އައްޑޫން ޒުވާން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށައިފި


19 އަހަރުން ދަށުގެ ޒުވާން ފުޓްބޯޅަ ޓީމަށް އައްޑޫ ސިޓީން ހުނަރުވެރި ކުޅުންތެރިން ހޯދުމުގެ މަސައްކަތް އެފްއޭއެމްގެ ކޯޗުން އިއްޔެ ފަށައިފިއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުވެސް ހިމެނޭގޮތަށް ކޯޗުން އައްޑޫގައި ސިލެކްޝަން ޕްރޮގްރާމްގެ ދަށުން ހުނަރުވެ ކުޅުންތެރިން ފާހަގަކޮށް ޒުވާން ޓީމުން ފުރުޞަތު ދޭނެއެވެ. ސިލެކްޝަން ކުރިއަށް ގެންދަނީ އައްޑޫގެ ހުރިހާ ރަށެއްގެ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ. ސިލެކްޝަން ޕްރޮގްރާމް ހިތަދޫގެ އިތުރުން ހުޅުމީދޫއާއި، ފޭދޫގައިވެސް ކުރިއަށްގެންދާނެއެވެ. 

ސިލެކްޝަން ކުރިއަށް ގެންގޮސް ކުޅުންތެރިން ފާހަގަކުރުމަށް އައްޑޫގައި މިވަގުތު ހުރި ކޯޗު މުޙައްމަދު އާތިފް ބުނީ މި ފުރުސަތަކީ ހަމައެކަނި އައްޑޫގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެއްނޫންކަމަށާއި، 19 އަހަރުން ދަށުގެ އުމުރުފުރާ ހަމަވާ ކޮންމެ ކުއްޖަކަށްވެސް މި ސެލެކްޝަންގައި ބައިވެރިވެ ޓީމުން ޖާގަ ހޯދޭނެކަމަށެވެ.

" މީގަ ސްކޫލު ދަރިވަރަކަށްވުން ލާޒިމެއް ނޫން. މުޙިއްމީ އުމުރުފުރާއަށް ފެތުން. ދެން އަޅުގަނޑުމެން ބަލާނަން ޤައުމީ ޓީމްތަކަށް ކުޅުންތެރިން ނަގާ ކްރައިޓީރިއާތަކަށް. " އައްޑޫ ސިޓީގައި ހުރެ އާތިފް ބުންޏެވެ.

img:http://s2.psmnews.mv/images/660x400/15075412970632.JPG|އައްޑޫގައި ތަމްރީން ހޯދަމުންދާ ކުޅުންތެރިން ކޯޗު އާތީއާއެކު

އޭނާ ބުނީ އައްޑޫގައި މިޕްރޮގްރާމް ފެށުނު ނަމަވެސް ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެކި ހިސާބުތަކުން ހުނަުވެރި ކުޅުންތެރިން ފާހަގަކޮށް ފުރުޞަތު ދިނުމަކީ އެފްއޭއެމްގެ އަމާޒު ކަމަށެވެ. މިއީ ފެށުމެއް ކަމަށާއި، ހުނަރުވެރި ކުޅުންތެރިންނަށް ފުރުޞަތު އޮންނާނެކަމަށް ކޯޗު ބުންޏެވެ. 

އައްޑޫއިން ނަގާ ނަވާރަ އަހަރުން ދަށުގެ ޓީމް މިމަހުގެ 21 ވަނަ ދުވަހު އައްޑުސިޓީ ހިތަދޫ ސްޓޭޑިއަމްގައި 19 އަހަރުން ދަށުގެ ގައުމީ ޓީމާއި ދެކޮޅަށް މެޗެއް ކުޅޭ ގޮތަށްވެސް އެފްއޭއެމްއިން ވަނީ ހަމަޖައްސާފައެވެ. އެފްއޭއެމްއިން ވަނީ ޒުވާން ޓީމްތަކަށް ޚާއްޞަ ސަމާލުކަމެއްް ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޓަރނޭޝަނަލް މުބާރާތްތަކުން ފުރުޞަތު ހޯދުމާއި، އަތޮޅުތެރެއަށް ފުރުޞަތު ހުޅުވާލުން ހިމެނެއެވެ.