ޚަބަރު

ހުޅުލެ-ހުޅުމާލެ ލިންކް ރޯޑަށް ބޭނުންވާ ބިން ހިއްކާ ނިމިއްޖެ


ހުޅުލެއާއި ހުޅުމާލެ ގުޅާލާ ލިންކް ރޯޑް ހެދުމަށް ބޭނުންވާ ބިން ހިއްކާ ނިމިއްޖެއެވެ.

މިހާރު ކުރަމުން ގެންދާނީ ހިއްކި ސަރަހަށްދު ލެވަލްކުރުމުގެ މަސައްކަތެވެ. ހުޅުލެއާއި ހުޅުމާލެ ގުޅާލާ ލިންކް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތަކީ މާލެ-ހުޅުލެ ބްރިޖާއި ގުޅިގެން ކުރިއަށްގެންގާ މުހިންމު މަޝްރޫޢުއެކެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ނިމުމުގެ ކުރިން މި ބްރިޖުން ދަތުރުކުރާ މީހުން ހުޅުލެއިން ހުޅުމާލެއަށް ދަތުރުކުރުމަށް ހަދާ މި މަގު ހެދުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެޗްޑީސީއާއެވެ.  

ހުޅުލެއާއި ހުޅުމާލެ ގުޅާލާ ލިންކް ރޯޑް ހެދުމަށް ބޭނުންވާ ބިން ހިއްކަން ފަށާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެޗްޑީސީގެ ޑިރެކްޓަރ އޮފް ޕްރޮޖެކްޓް ނަވާޒް ޝައުޤީ ވިދާޅުވީ ލިންކް ރޯޑް ހެދުމަށް ބޭނުންވާ ބިން ހިއްކާ ނިމިފައިވާކަމަށާއި މިއަދަކީ ތާރީޙީ ދުވަހެއްކަމަށެވެ.

ބިން ހިއްކުމުގެ މަސައްކަތް ނިމުމާއިއެކު އެސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި ތޮށިލުމުގެ މަސައްކަތް ފަށާނެކަމަށާ އަމާޒަކީ ބްރިޖްގެ މަސައްކަތް ނިމުމުގެކުރިން މި ހައިވޭގެ މަސައްކަތް ނިންމުންކަމަށް ނަވާޒް ވިދާޅުވިއެވެ. އަދި މި މަގަކީ އެންމެ ޒަމާނީ ފެންވަރަށް ހެދިގެންދާ މަގެއްކަން ނަވާޒް ފާހަގަކުރެއްވިއެވެ.

މި މަގަކީ  ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، ހަތަރު ލޭނަށް ފަރުމާކޮށްފައިވާ، 4 ކިލޯމީޓަރުގެ މަގެކެވެ. މި ހައިވޭ ޕޭވް ކުރެވި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތައްވެސް ފުރިހަމަ ކުރެވިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.