ވިޔަފާރި

"ޕިކް ޕޯސްޓް"ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށްފި


މޯލްޑިވްސް ޕޯސްޓުން ސެލްފް ސާރވިސްގެ ހިދުމަތާއި އެކު "ޕިކް ޕޯސްޓް"ގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކޮށްފިއެވެ. 

މި ހިދުމަތާއި އެކު މާލެއާއި ހުޅުމާލޭގައި ވަނީ ޕިކް ޕޯސްޓް ޑެލިވަރީ ސްޓޭޝަންތަކެއް ހުޅުވާފައެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލް އަޤްވާމީ ޕޯސްޓް ދުވަހާއި ގުޅިގެން ޕޯސްޓް އޮފީހުން އަލަށް ތައާރަފްކުރި މި ހިދުމަތް ފައްޓަވާދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަހުމަދުއެވެ. އީކޮމާރސްގެ ޚިދުމަތް މުޅިދުނިޔޭގައި ފުޅާވެ، މި ޚިދުމަތުގެ ތެރޭން ގަނެވިއްކާ ތަކެތި ޤައުމުތަކުގެ މެދުގައި ބަދަލުކޮށްދޭ އެންމެ ފުޅާ ވިއުގައަކަށް ޕޯސްޓް ވެފައިވާތީ، ބައިނަލްއަޤްވާމީ ޕޯސްޓް ވިއުގައިގެ ތެރެއިން ރާއްޖެ އަންނަ ތަކެތި ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ.

މިއާއެކު ޑެލިވަރީ ނިޒާމް ޒަމާނީކޮށް ސައްވިސް ގަޑިއިރު ޚިދުމަތް ދިނުމަށް ޕޯސްޓް އޮފީހުން ކުރާ މަސައްކަތުގެ ދަށުން ޕިކްޕޯސްޓްގެ ހިދުމަތް މިވަނީ ރާއްޖެއަށް ތައާރަފްކޮށްފައެވެ. މި ހިދުމަތާއި އެކު ކިއުގައި މަޑުކުރަން ނުޖެހި ޕޯސްޓުން އަންނަ ތަކެތި އަމިއްލައަށް ނަގައިގެން ގެނެދެވޭނެއެވެ. މި ޙިދުމަތުގެ ސަބަބުން ޕޯސްޓުންދޭ ޚިދުމަތްތަކުގެ އިތުބާރާ ޔަޤީންކަން ކުރިމަގުގައި އިތުރުވެގެންދާނެ ކަމަށް ޕޯސްޓް އޮފީހުން ދެކެއެވެ.

img:http://s4.psmnews.mv/images/660x400/15075349861600.jpg|ޕިކް ޕޯސްޓްގެ ޚިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ޕިކްޕޯސްޓް ޑެލިވަރީ ސްޓޭޝަންތަކެއް މާލެއާ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯސްޓުން ދަނީ ކުރަމުންނެވެ. އަދި މީގެ ފުރަތަމަ ސްޓޭޝަން ވެލާނާ ބިލްޑިންގގައި ޤާއިމްކޮށް މިވަނީ ޙިދުމަތް ދޭން ފަށާފައެވެ. ޕިކް ޕޯސްޓް ސްޓޭޝަން ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދު ވަނީ މޯލްޑިވްސް ޕޯސްޓުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކުރައްވާފައެވެ. އަދި ރާޢްޖެ ކަހަލަ އޮންލައިން ވިޔަފާރި ފުޅާވަމުންދާ ޤައުމަކަށް ޕިކް ޕޯސްޓުގެ ޙިދުމަތް ތައާރަފުވުމުން އެ ވިޔަފާރިތައް ކުރި އަރާ ގިނަ ބަޔަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެކަމަށް އަޒްލީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަފީޤް ވިދާޅުވީ ރާއްޖޭގައި އޮންލައިން ވިޔަފާރިތައް ފުޅާވެ އިތުރުވަމުންދާ އިރު އެފަރާތްތަކަށް ފަސޭހަ ހިދުމަތްތަކެއް ދިނުމަށް އެކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. ރާއްޖެއަށް އަލަށް ތައާރަފްކުރި ޕިކް ޕޯސްޓުގެ ހިދުމަތްތުގެ ސަބަބުން، ވަގުތު ސަލާމަތްވެ، ފަސޭހަވެގެންދާނެ ކަމަށް ޕޯސްޓުގެ ހިދުމަތް ހޯދާ ކަސްޓަމުން ފާހަގަކުރެއެވެ.

ދުވާލެއްގެ މައްޗަށް އެތަށް ހާހެއްހާ ޕެކެޓް އަދި ޕެކޭޖްތައް ޕޯސްޓު އޮފީހަށް ލިބޭ، އަދި އެތަކެތި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯސްޓުން އަންނަނީ ޒަމާނީ ގިނަ ބަދަލުތަކެއް ގެނެސް އަވަސް ހިދުމަތެއް ދިނުމަށް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ޑެލިވަރީ ނިޒާމު ފުރިހަމަ ކުރުމުގެ ގޮތުން ކައުންޓަރ ޑެލިވަރީ ނިޒާމެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު މެއިލް ރައްދުކުރުމަށްޓަކައި އެސް.އެމް.އެސް ނޮޓިފިކޭޝަން ނިޒާމަކާއި، އޮންލައިން ކިއު މެނެޖްމަންޓް ސިސްޓަމެއްވެސް ވަނީ ގާއިމްކޮށްފައެވެ.